މާފުށީގެ ނަރުދަމާއާއި ބަނދަރު އަޕްގްރޭޑްކޮށް، ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ކެމްޕެއިނަށް މާފުށްޓަށް ވަޑައިގެން މިރޭ އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވީ މާފުއްޓަކީ ހާއްސަ ރަށެއްކަމަށާާއި ލޯކަލް ޓޫރިޒަމް އެންމެ ފުޅާކޮށް އޮތް އެއް ރަށަކީ މާފުށިކަމަށެވެ. އަދި ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބެ އެއް ރަށަކީ މާފުށިކަމަށާއި، އެއީ ރަށުގެ ރައްޔިތުންގެ ބުރަ މަސައްކަތްކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ މާފުށީގައި ލޯކަލް ޓޫރިޒަމް ކުރިއަރަމުންދާއިރު ސަރުކާރުގެ ޒިންމާއަކީ އެ ވިޔަފާވެރިގައި އުޅޭ ފަރާތްތަކަށް ފަސޭހަކޮށްދޭން ކުރަންޖެހޭ މަސައްކަތްތައްކުރުންކަމަށެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ އުމްރާނީގޮތުން މާފުށްޓަށް ގެންނަންޖެހޭ ކުރިއެރުންތަކެއް އެބަހުރިކަން ފާހަގަކުރައްވާފައެވެ. އެގޮތުން ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް އެ މަސައްކަތް ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި ބަޔަކާއި ހަވާލުކުރެވޭނެކަމަށާއި، ބަނދަަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރަން ކުރަންޖެހޭ މަސައްކަތްތައްވެސް ފެށުމުގެ އިތުރުން، ހިއްކާފައިވާ ބިމާއި ޕިކްނިކް އައިލެންޑް ގުޅާލުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށިގެންދާނެކަން ރައީސް ސާލިހު ފާހަގަކުރެއްވިއެވެ.

މި މަސައްކަތްތަކުގެ އިތުރުން، މާފުށީގައި ފޯރުކޮށްދޭ ސިއްހީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފެށުމަށް ކަމާއިބެހޭ ސަރުކާރުގެ އިދާރާތަކަށް އަންގާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ސިއްހީ މަރުކަޒުގައި ދެވޭ ހިދުމަތްތައް ވަރަށް މަދު. ސިއްހީ މަރުކަޒުގެ ހޮސްޕިޓަލަށް ބަދަލުކުރުމަކީ މުހިއްމުކަމެއްް. އޮޕަރޭޝަން ތިޢޭޓަރަކާއެކު ހޮސްޕިޓަލެއް ގާއިމްކުރުމަށް ވާނީ ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކާއި ހަވާލުކޮށްފައި. 3 މަހެއްހާ ދުވަހުގެ ތެރޭގައި އެކަންކަން ކުރެވޭނެ." ރައީސް ވިދާޅުވިއެވެ.



ރައީސް ވިދާޅުވީ މި ސަރުކާރުން ގުރައިދޫ ދާއިރާގައި ހިމެނޭ 3 ރަށްކަމަށްވާ ގުޅި، ގުރައިދޫ އަދި މާފުއްޓަށް ގިނަ ވައުދުތަކެއް ވެވަޑައިގެންފައިވާކަމަށެވެ. އަދި އޭގެތެރެއިން ގިނަ ވައުދުތަކެއް ނިމި، އިތުރު ވައުދުތައް ފުއްދުމުގެ މަސައްކަތް ކުރަމުންދާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ސާލިހު ވިދާޅުވީ މި 5 އަހަރު ނިމޭއިރު ގުރައިދޫ ދާއިރާއަށް ވެވަޑައިގެންފައިވާ ހުރިހާ ވައުދެއް ފުއްދޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ބައި އިލެކްޝަންގައި ވޯޓްދެއްވާއިރު ސަރުކާރުން ކުރާ މަސައްކަތްތަކާއިމެދު ވިސްނެވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

"މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ މެމްބަރެއް މި ދާއިރާއަށް ނުހޮވުނަސް އެމްޑީޕީގެ ކެންޑިޑޭޓް ވެވަޑައިގެންނެވި ވައުދުތައް ސަރުކާރުން ދަނީ ފުއްދަމުން. ބައި އިލެކްޝަންގައި ވޯޓް ދެއްވާއިރު ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކަށް ބަލަންޖެހޭ. އެގޮތުން މި ސަރުކާރުން މިދިޔަ 4 އަހަރު ތެރޭގައި ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައި. އެމްޑީޕީގެ ކެންޑިޑޭޓް ޝާޒަކީ ރައްޔިތުންނަށް ތަރައްގީ ގެނައުމަށް މަސައްކަތް ކޮށްދެއްވާނެ ބޭފުޅެއް." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތްތަނުގައިވެސް އެމަނިކުފާނު މަސައްކަތް ކުރައްވަނީ ރައްޔިތުން ބޭނުންވާ ކަންކަން އެއްވެސް ތަފާތު ކަމެއް ނެތި ފުރިހަމަކޮށްދެއްވުމަށް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު