މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ދޭ ސަމާލުކަން އިތުރުކުރުމަށާއި މިކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް ސަރުކާރުގެ އެކި އިދާރާތަކާއި ސަރުކާރު ޙިއްޞާވާ ކުންފުނިތަކުންވެސް މަސައްކަތްކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމު އެދިވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެގޮތަށް އެދިވަޑައިގަތީ ދިވެހި ފުލުހުންގެ ޚިދުމަތުން އިންތިޒާމުކޮށްގެން ބޭއްވި "ފަހިރާސްތާ" ހޭލުންތެރިކުރުމުގެ ޕުރޮގުރާމުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައެވެ.

ނާއިބު ރައީސް ވަނީ އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންނާއި އެ ފަރާތްތަކުގެ އަނބިދަރިންނާއި އަދި ސްކޫލު ކުދިންނާއި އެކުދިންގެ ބެލެނިވެރިންނަށްވެސް މަގުމަތީގެ ސަލާމަތާ ރައްކާތެރިކަމާ ގުޅޭގޮތުން މަޢުލޫމާތުދީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކޮށްދެއްވުމަށް މި ސެޝަންގެ ބައިވެރިންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.



ރާއްޖޭގައި ހިނގާ މަގުމަތީގެ އެކްސިޑެންޓްތަކުގެ ޢަދަދު ގިނަކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ ވެހިކަލް ދުއްވާ ކޮންމެ ފަރާތަކުންވެސް ތިމާގެ އިހުމާލުން ތިމާއަށް ނުވަތަ އަނެކާއަށް ގެއްލުމެއް ނުލިބޭގޮތަށް ވިސްނައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާމެދު ފަރުވާތެރިވެ އިތުރު ސަމާލުކަން ދިނުމަށް އިލްތިމާސް ކުރައްވާފައެވެ.

މިއަދު ބޭއްވި މި ސެޝަނަކީ ސަރުކާރު އޮފީސްތަކާއި ސަރުކާރު ޙިއްޞާވާ ކުންފުނިތަކަށް އަމާޒުކޮށް ބޭއްވި ސެޝަނެކެވެ.

މި ސެޝަނުގައި، އެކްސިޑެންޓްތައް ހިނގާ މައިގަނޑު ސަބަބުތަކާއި މާލެ ސަރަޙައްދުގައި ހިނގާފައިވާ ބައެއް އެކްސިޑެންޓްތައް ހިނގާފައިވާ ސަރަޙައްދުތަކާ އަދި ތަފާސް ހިސާބު ހިމެނޭ ޕްރެޒެންޓޭޝަނެއް ހުށަހަޅާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު