ކ. ގުޅީގެ ތަރައްގީއަށް ބޭނުންވާ ހުރިހާ ކަމެއް އެންމެ ފުރިހަމައަށް ކޮށްދިނީ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙުގެ ސަރުކާރުން ކަމަށް އެރަށު ކައުންސިލްގެ ރައީސް މޫސާ ސާފިލް ވިދާޅުވެެއްޖެއެވެ.

ގުޅީ ކައުންސިލް ރައީސް މޫސަ ސާފިލް މިއަދު ވަނީ ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. ސާފިލް އެމްޑީޕީއަށް ސޮއިކުރެެެއްވީ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ކެމްޕޭނަށް ރައީސް ސާލިހު މިއަދު އެ ރަށަށް ކުރެއްވި ދަތުރުފުޅާއި ގުޅިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.



"ރަސްއޮންލައިން" އަށް މައުލޫމާތު ދެެއްވަމުން ކ. ގުޅީ ކައުންސިލްގެ ރައީސް މޫސާ ސާފިލް ވިދާޅުވީ އޭނާ އެމްޑީޕީއަށް ސޮއިކުރެއްވީ ވޭތުވެދިޔަ ސަރުކާރުތަކުން އެރަށް ބާކީ ކޮށްލާފައި އޮތް އޮތުން މިއަދުގެ ސަރުކާރުން ނިމުމަކަށް ގެންނަވާ ރަށުގެ ތަރައްޤީއަށް ބޭނުންވާ އެންމެހާ ކަންކަން އެންމެ ފުރިހަމަ ގޮތުގައި ކޮށްދެއްވަމުން ގެންދަވާކަން ހިތުގެ އަޑިން ޤަބޫލުކުރެވޭތީ ކަމަށެވެ. އަދި އެމްޑީޕީއަށް ސޮއިކުރެއްވީ ގުޅީގެ ތަރައްގީއަށް މިހާރު ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއު ތަކާއި ކުރިއަށް ގެންދެވެންހުރި އެންމެހާ ކަންކަން ކުރިޔަށް ގެންދިއުމުގައި ސަރުކާރަށް އިތުބާރާއި ޔަޤީންކަން ދިނުމުގެ ގޮތުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެކަންވާނީ މިއަދުގެ ސަރުކާރާއިއެކު އަޅުގަނޑުމެން އެންމެން ތިބެގެން. އަދި ވަކިން ހާއްސަކޮށް އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް ޝާޒް ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ބައި އިލެކްޝަންގައި ހޮވައިގެން." ސާފިލް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ވިދާޅުވީ މޫސަ އެމްޑީޕީއާ ގުޅިވަޑައިގަތުމުން ސަރުކާރުން ގުޅީގެ ތަރައްގީއަށް ކުރަމުންދާ މަސައްކަތްތަކުގައި މިހާރަށްވުރެ އިތުރަށް ކައުންސިލުން އެއްބާރުލުންދޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އަޅުގަނޑު ދެކެނީ ގުޅީގެ ރައްޔިތުން އެ ބޭނުންވާ ތަރައްގީ ގެނައުމުގައި މޫސަ އަޅުގަނޑުމެންނާ އެކު އިސްދައުރެއް އަދާކުރައްވާނެ ކަމަށް." ރައީސް ސާލިޙު ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު