އަންނަ އަހަރުގެ ބަޖެޓްގައި ކ.ގުޅި ބަނދަރު ބޮޑުކުރަން ހިމަނުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިހެން ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ބާއްވާ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓްގެ ކެމްޕެއިނަށް ކ. ގުޅިއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ސާލިހު ވިދާޅުވީ މި ސަރުކާރުން ހަވާލުވިއިރު ގުޅިއަކީ މާބޮޑު ސަމާލުކަމެއް ނުދީ އަޅާނުލައި އޮތް ރަށެއްކަމަށެވެ. ނަމަވެސް މި ސަރުކާރުން ގުޅީގައި ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ހިންގާފައިވާކަން ރައީސް ސާލިހު ފާހަގަކުރެއްވިއެވެ.

"މިއަދު ގުޅީގައި ހުރީ ސާފުފެން. ރައްޔިތުން ބޭނުންވާ ގޮތަށް ފެނާއި ނަރުދަމާގެ މަސައްކަތް ނިމިފަ. ފުޓްބޯޅަ ދަނޑާއި ސިއްހީ، ދާއިރާއާއި، ތައުލީމީ ދާއިރާއަށް ބޭނުންވާކަންކަން ވަނީ ނިމިފައި." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގުޅީ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާއިރު، ބިން ބޮޑުކޮށް ރައްޔިތުން ބޭނުންވާ ބޯހިޔާވަހިކަންވެސް ލިބިގެންދާނެކަމަށެވެ. އަދި އަންނަ އަހަރު ގުޅީ ބަނދަރު ބޮޑުކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ވައުދުވަނީ ރިޔާސީ މެނިފެސްޓޯގައި އަންނަ އަހަރުގެ ބަޖެޓުގައި މި ރަށުގެ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ހިމަނާނެކަަަމަށް." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މާފުއްޓާއި، ގުރައިދޫއާއި ގުޅިއަށް ވެފައިވާ ވައުދުތައް ފުއްދައިދީ، ތަރައްޤީގެ އިތުރު މަސައްކަތްތައްވެސް ކުރިއަށްގެންދަވާނެކަމަށެވެ.



މި އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީ ކެނޑިޑޭޓް އިބްރާޙިމް ޝާޒްގެ ކެމްޕެއިނަަށް ރައީސް ސާލިހު މިއަދު ހަވީރު ގުޅިއަށް ވަޑައިގެންނެވުމުން އެ ރަށުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އެގޮތުން އެރަށުގެ ކުދިބޮޑު ގިނަ އަދަދެއްގެ ބަޔަކު ރައީސް ސާލިހަށް މަރުހަބާ ދެންނެވުމަށް ބަނދަރު ސަރަހައްދަށް ނިކުތެވެ.



ކިޔުންތެރިންގެ ހިޔާލު