ރ. ފުއްގިރި މައްސަލާގައި ރައީސް ޔާމީން އަބުދުލްގައްޔޫމުގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފުގެ މައްސަލައިގެ ހުކުމްކުރުން މާދަމާއަށް ތާވަލްކޮށްފިއެވެ.

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތާއި ގުޅިގެން ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިން ކުށުގެ ދައުވާއާއި ރިޝްވަތު ގަބޫލު ކުރެއްވުމުގެ ދައުވާ އެވެ. މި ދެ ދައުވާ އުފުލާފައިވަނީ ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް، ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނެވެ.

ރައީސް ޔާމިންގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފްކުރީ ކްރިމިނަލް ކޯޓުގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ޝަރީއަތުގެ ކުރިން ހުށަހެޅި ހުށަހެޅުންތަކާ ގުޅޭ ނުކުތާތަކެެވެ. މައްސަލައިގެ ހުކުމް ކުރުމަށް ހައިކޯޓުގައި ތާވަލުކޮށްފައިވަނީ މާދަމާ މެންދުރު 11:30 އަށެވެ. މި މައްސަލައިގެ އަޑު އެހުންތައް ހައިކޯޓުގައި މިދިޔަ ހަފްތާގައިވަނީ ނިންމާލާފައެވެ.

މިމައްސަލައިގައި ދަޢުލަތުގެ ފަރާތުން ހުށައަޅާފައިވާ ބައެއް ހެކިތައް ޝަރީއަތަށް ބަލައިނުގަތުމަށް ރައީސް ޔާމީނުގެ ފަރާތްޕުޅުން އެދިފައިވާއިރު އެ ހެކިތައް ބަލައިގަންނަން ނުޖެހޭ ސަބަބެއް އޮތްކަމަށް ނުފެންނަކަމަށް ދަށު ކޯޓުން ނިންމި ނުކުތާ ވަނީ އިސްތިޢުނާފް ކޮށްފައެވެ. ހަމައެއާއެކު، ހެއްކާބެހޭ ޤާނޫނުގައި ހެކި ބަލައިގަތުމާއި ގުޅޭގޮތުން އިސްތިއުނާފު ކުރާ ފަރާތަށް މަސްލަޙަތު ބޮޑު ފުރުސަތުތަކެއް އޮތްއިރު، އަލަށް އަމަލު ކުރަން ފެށި ޤާނޫނުގައިވާ ގޮތުގެ މަތިން ހެކި ބަލައިގަތުމާއި ގުޅޭ ހުށައެޅުންތައް ހުށައެޅުމަށް ފުރުސަތު ލިބިދީފައި ނުވާކަމަށް ބުނެ ނުކުތާއެއް ފާހަގަކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު