މާލޭގައި ކުޑަ ދެ ކުދިންނާއެކު ގެއިން ނެރެލި އަންހެންމީހާއަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ޖެންޑާ މިނިސްޓްރީން މިއަދު ބުނެފިއެެވެ.

ދެ ދަރިންނާއެކު މާލޭގެ ގެއަކުން އަންހެނަކު ރޭ ނެރެލާފައިވަނީ ކުރީގެ ފިރިމީހާގެ ގޭގެ ކޮޓަރިއެއްގައި ދިރިއުޅެމުންދަނިކޮށެވެ. ދެދަރީންނާއެކު ގެއިން ނެރެލުމުން އަންހެންމީހާ މިހާރު ވަނީ މަގުމަތިވެފައެވެ. ޖެންޑާ މިނިސްޓްރީން ބުނީ އެ މައްސަލަ މިނިސްޓްރީއަށް ހުށައެޅުމާއި ގުޅިގެން އެ ފަރާތް މިހާރު ދިރިއުޅެމުންދާ ތަނަށް ގޮސް ވަނީ އެފަރާތުގެ ހާލަތު ބަލާ އެފާރާތުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީފައި ކަަމަށެވެ.

އަދި ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން ގެވެށި އަނިޔާގެ ޝިކާރައަކަށް ވާ ފަރާތަށް ލިބިދޭ ގާނޫނީ ހިމާޔަތާއި ރައްކާތެރިކަން ހޯދަން މިނިސްޓްރީން މަގުފަހިކޮށްދީފައިވާނެ ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ. އެގޮތުން އެކި ފަހަރުމަތިން ގާނޫނީ ހައްގު ހޯދައި ދިނުމަށް ވަނީ މަސައްކަތް ކޮށްފައި ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މަންމައިންގެ ހައްގުގައި މަސައްކަތްކުރާ "މަމްސް އެއިޑް" އިން މިއަދު ބުނީ ކުރީގެ ފިރިމީހާގެ ގޭގެ ކޮޓަރިއެއްގައި ދިރިއުޅެނިކޮށް، ތަޅު ބަދަލުކޮށް އެތަނަށް ނުވަދެވޭ ގޮތްް ހެދުމުން އަންހެން މީހާ މިހާރު ދިރިއުޅެނީ ދުވަހު ކުއްޔަށް ދޭ ކޮޓަރިއެއްގައި ކަމަށެވެ. މަމްސް ޖަމިއްޔާއިން ބުނީ ކުރީގެ ފިރިމީހާގެ ގޭގައި ވަރަށް ހާލުގައި އުޅުމަށް ފަހު މިހާރު އޭނާ ވަންނާނެ ތަނެއް ނެތް ކަމަށެވެ. އެގޭގައި ދިރިއުޅުނުއިރު ވެސް އެތައް ފަހަރެއްގެ މަތިން ފެނާއި ކަރަންޓު ކަނޑާލައި އުނދަގޫތައް ކުރިމަތިކުރި ކަމަށް މަމްސް ޖަމިއްޔާ އިން ވަނީ ބުނެފައެވެ.މަމްސް ޖަމިއްޔާއިން މައުލޫމާތުދޭ ގޮތުގައި އެ އަންހެންމީހާ ގެއިން ނެރެލުމުން ދެ ދަރިންނާއެކު ގޮސް ކޮޓަރިއެއްގައި އުޅެމުން ދަނީ ދުވާލަކު 500ރ. ދީގެން ކަމަށެވެ. މި ހާލަތާ ހެދި ކުދިން ސްކޫލަށް ނުފޮނުވާތާ ވެސް މަހަކަށް ވުރެން ގިނަދުވަސް ވެއްޖެ ކަމަށް މަމްސް ޖަމިއްޔާއިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު