އޭވިއޭޝަން ދާއިރާއިން ޕާކިސްތާނާއި ރާއްޖޭގެ ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ބާއްވާފައިވަނީ ޓްރާންސްޕޯޓް މިނިސްޓަރ އާއިޝަތު ނަހުލާއާއި ޕާކިސްތާން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް (ރިޓަޔަރޑް) މުޙައްމަދު ފައްޔާޒް މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުންވެސް ވަނީ ދެ ޤައުމުގެ މަސްލަހަތު ހިމެނޭ އެކި ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފަައެެވެ. މީގެއިތުރުން ދެ ޤައުމުގެ ދެމެދުގައި ވައިގެ ދަތުރުތައް ފެށުމަށްވެސް މަޝްވަރާކުރިއެވެ. އަދި ދަތުރުފަތުރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުންވެސް މަޝްވަރާކުރިއެވެ.



ޕާކިސްތާން ސަފީރު މިއަދު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އަރިހަށްވެސް ވަނީ ޒިޔާރަތްކޮށްފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޕާކިސްތާނުގެ ސަފީރު ވަނީ، ދެޤައުމުގެ ދެމެދުގައިވާ ޒަމާންވީ ރަޙްމަތްތެރި ގުޅުން ބިނާވެފައި ވަނީ ދެ ޤައުމުގެ ދެމެދުގައިވާ އެއްގޮތް ކަންކަމާއި، ދެ ޤައުމުން ގެންގުޅޭ އެއްކަހަލަ ޤަބޫލުކުރުންތަކާއި އުޞޫލުތަކުގެ މައްޗަށްކަމުގައި ވިދާޅުވެފައެވެ. އަދި ދެބޭފުޅުން ވަނީ ދެ ޤައުމުގެ މި ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ބެހޭގޮތުން ވެސް މަޝްވަރާކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު