ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ދެއްކުމުގެ ފުރުސަތު އަންގާރަ ދުވަހު ހުޅުވާލާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ގޮވާމުގެ ބާވަތްތަކުން ޒަކާތްދައްކަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު އަންގާރަ ދުވަހުން ފެށިގެން މި މަހުގެ 20 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.

ޒަކާތް ދައްކަން ޖެހޭނީ އެބަޔަކު އަހަރުތެރޭގައި ޢާންމުކޮށް ކައި އުޅުނު ގޮވާމުގެ ބާވަތަކުން މީހަކަށް 2.4 ކިލޯ ކަމަށް އެ މިނިސްޓްރީން ނެރުނު އިއުލާނުގައިވެއެވެ. މާލޭގައި ގޮވާމުން ޒަކާތް ބަލައިގަންނާނީ މަޖީދިއްޔާ ސްކޫލްގެ ސަލާހުއްދީން ހޯލުގައި ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެއެވެ.

ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ބާވަތްތަކަކީ އާދައިގެ ހަނޑޫ، ތައިލެންޑް ހަނޑޫ، ބާސްމަތީ ހަނޑޫ، ރަތް ހަނޑޫ، ގޮދަން ފުށް އަދި އާޓާ ފުށުންނެވެ.

ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސްފިޔަވައި، ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00 އަށް، މެންދުރުފަހު 13:00 އިން 15:15 އަށް އަދި ރޭގަނޑު 21:00 އިން 22:30 އަށް ކަމަށްއިސްލާމިކް މިނިސްޓްރީން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު