އަހުމަދު މަސްނޫމް   9 އޭޕްރީލު 2023 - 16:42
ދެ ދަރިންނާ އެކު މާލޭގެ ގެއަކުން އަންހެނަކު ރޭ ނެރެލައިފިއެވެ.

މަންމައިންގެ ހައްގުގައި މަސައްކަތްކުރާ "މަމްސް އެއިޑް" އިން މިއަދު ބުނީ ދެ ދަރިންނާ އެކު މާލޭގެ ގެއަކުން އަންހެނަކު ރޭ ނެރެލާފައިވާ ކަމަށާއި އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. މަމްސް ޖަމިއްޔާ އިން ބުނިގޮތުގައި ކުރީގެ ފިރިމީހާގެ ގޭގެ ކޮޓަރިއެއްގައި ދިރިއުޅެނިކޮށް، ތަޅު ބަދަލުކޮށް އެތަނަށް ނުވަދެވޭ ގޮތްް ހެދުމުން އަންހެން މީހާ މިހާރު ދިރިއުޅެނީ ދުވަހު ކުއްޔަށް ދޭ ކޮޓަރިއެއްގައެވެ.

އެތަނުގެ ކުލި އޭނާ ދައްކަނީ، އެތަނުގެ ތެރޭގައި ކަރަންޓް އުނދުނަކުން ރޮށި ފިހެގެން ވިއްކައިގެން ލިބޭ ފައިސާއިން ކަމަށް އެޖަމިއްޔާއިން ބުންޏެެވެ.

މަމްސް ޖަމިއްޔާއިން ބުނީ ކުރީގެ ފިރިމީހާގެ ގޭގައި ވަރަށް ހާލުގައި އުޅުމަށް ފަހު މިހާރު އޭނާ ވަންނާނެ ތަނެއް ނެތް ކަމަށެވެ. އެގޭގައި ދިރިއުޅުނުއިރު ވެސް އެތައް ފަހަރެއްގެ މަތިން ފެނާއި ކަރަންޓު ކަނޑާލައި އުނދަގޫތައް ކުރިމަތިކުރި ކަމަށް މަމްސް ޖަމިއްޔާ އިން ބުނެއެވެ.

މަމްސް ޖަމިއްޔާއިން މައުލޫމާތުދޭ ގޮތުގައި އެ އަންހެންމީހާ ގެއިން ނެރެލުމުން ދެ ދަރިންނާއެކު ގޮސް ކޮޓަރިއެއްގައި އުޅެމުން ދަނީ ދުވާލަކު 500ރ. ދީގެން ކަމަށެވެ. މި ހާލަތާ ހެދި ކުދިން ސްކޫލަށް ނުފޮނުވާތާ ވެސް މަހަކަށް ވުރެން ގިނަދުވަސް ވެއްޖެ ކަމަށް މަމްސް ޖަމިއްޔާއިން ވަނީ ބުނެފައެވެ.

މަމްސް ޖަމިއްޔާއިން ބުނާގޮތުގައި ޖެންޑާ މިނިސްޓްރީއަށާއި ޕޮލިހަށް އެމައްސަލަ ވަނީ ހުށައަޅާފައިވާތާ އެތައް ދުވަހެއް ވަނީ ވެފައެވެ. ނަމަވެސް މައްސަލައަށް ކުރިއެރުމެއް ނާންނަ ކަމަށް އެ އަންހެންމީހާ އާއި ހަވާލާދީ އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު