ސަރުކާރުން ދޫކުރާ ސްޓޫޑެންޓް ލޯނު މިއަހަރު ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓު އަންނަ މެއިމަހު އާއްމުކުރާނެކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ސްޓޫޑެންޓް ލޯނަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ހުޅުވާލީ މިދިޔަ ފެބްރުއަރީމަހުގެ 15 ވަނަ ދުވަހުއެވެ. އެގޮތުން މިފަހަރު ސްޓޫޑެންޓް ލޯނަށް ޖުމްލަ 720 ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

ސްޓޫޑެންޓް ލޯނަށް މިއަހަރު ހުޅުވާލި ފުރުޞަތުގައި މިނިސްޓްރީގެ ޕޯޓަލަށް 1507 އެޕްލިކޭޝަނެއް ހުށަހަޅާފައިވާއިރު ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވީ، ސްޓޫޑެންޓް ލޯނަށް ކުރިމަތިލި ފަރާތްތަކުގެ ފޯމުތައް އިވެލުއޭޓްކުރުމަށްފަހު ވަގުތީ ލިސްޓު މެއިމަހުގެ ފުރަތަމަ ހަފްތާގައި އާއްމުކުރާނެކަމަށެވެ.

މިނިސްޓްރީން ވިދާޅުވީ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް މުއްދަތެއް ދިނުމަށްފަހު، މެއިމަހުގެ ފަހު ހަފްތާގައި ދާއިމީ ލިސްޓް ހާމަކުރާނެކަމަށެވެ.

މިފަހަރުގެ ލޯނު ސްކީމްގެ ދަށުން ރާއްޖޭގައި ޑިޕްލޮމާ ލެވަލަށް ކިޔެވުމަށް ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އަދި ދިވެހި ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވަމުންދާ ހުރިހާ ދަރިވަރުންނަށް އެދަރިވަރަކު ކިޔަވުންދާ ދާއިރާއިން އެޕްލިކޭޝަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލާފައިވެއެވެ. މީގެއިތުރުން އެފަރާތެއްގެ ޓިއުޝަންފީގެ ތެރެއިން ފުރަތަމަ ޑިގްރީ ސްކީމުގެ ދަށުން ހަމަޖެހިފައިނުވާ އެހެނިހެން ޚަރަދުތައް ހޯދުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ.

މިފަހަރުގެ ލޯނު ސްކީމުގައި ޕައިލެޓް ޓްރެއިނިން ހަދަން ބޭނުންވާ ފަރާތްތަކަށް 60 ފުރުޞަތު، ޑިގްރީ ފެންވަރަށް އެމްބީބީއެސް ހެދުމަށް ރާއްޖެއިން ބޭރުން 55 ފުރުޞަތު އަދި މާސްޓާސް ފެންވަރުގައި ޕޯސްޓް ގްރެޖުއޭޓް މެޑިސިން ހެދުމަށް ރާއްޖެއިން ބޭރުން 20 ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

މަތީ ތަޢުލީމާއި ތަމްރީނަށް ދޭ ލޯނު އެހީގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމުގެ މުއްދަތުގައި ދަރިވަރުގެ އިޚްތިޔާރުން ބޭރުން ދިމާވާ ސަބަބަކާހުރެ ޕްރޮގްރާމް ފުރިހަމަނުކުރެވިގެންދާ މުއްދަތަށް ޓޮޕްއަޕް ލޯނު ދޫކުރުމަށްވެސް މިފަހަރުގެ ސްކީމުގައި ފުރުޞަތު ލިބިގެންދާނެއެވެ.

ލޯނު އެހީގެ ދަށުން ތަޢުލީމާއި ތަމްރީނު ހޯދުމަށް ކޮންމެ ޤައުމަކަށްވެސް ދިއުމުގެ ފުރުޞަތު ވަނީ ފަހިކޮށްދީފައެވެ. އެހެންނަމަވެސް ލޯނު އެހީގެ ދަށުން ދޭން ކަނޑައަޅާފައިވާ ހުރިހާ ޚަރަދެއް އެއްކޮށް ދޭނީ ޢިއުލާންކޮށްފައިވާ ޤައުމުތަކަށެވެ. އެނޫން ޤައުމެއްގައި ކިޔެވުމަށް ލޯނުދޭނީ ޢިއުލާންކޮށްފައިވާ ޤައުމުތަކުގެ ތެރެއިން ދަރިވަރު އިޚްތިޔާރުކުރާ ޤައުމަކަށް ކަނޑައަޅާފައިވާ ރޭޓުންކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.



ކިޔުންތެރިންގެ ހިޔާލު