ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު ރަންތަކަކާއި ކިލޯއެއްހާ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ބުނީ މި ތަކެތި އަތުލައިގެންފައިވަނީ މިދިޔަމަހު ފަހުކޮޅުކަމަށެވެ.

ކަސްޓަމްސްއިން ބުނީ މިދިޔަމަހުގެ 17 ވަނަ ދުވަހު ވައިގެ މަގުން ރާއްޖެއައި ފަސިންޖަރަކާމެދު ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން އޭނާ ހަށިގަނޑު އިތުރަށް ބަލައި ފާސްކުރުމަށްޓަކައި ބޮޑީސްކޭން ކުރިއިރު ހަށިގަނޑުގެ ތެރެއިން 361 ގްރާމްގެ ރަން އަތުލައިގަނެފައިވާކަމަށެވެ. މި ތަކެއްޗާއި ބެހޭގޮތުން މި ފަސެންޖަރާއި ސުވާލުކުރުމުން އޭނާ ވަނީ ހަށިގަނޑުގައި ރަން ހުންނާނެކަމަށް އެއްބަސްވެފައެވެ.

މި މައްސަލައިގައި އަތުލައިގަނެފައިވަނީ އިންޑިޔާއަށް ނިސްބަތްވާ 43 އަހަރުގެ ފިރިހެނެއްކަމަށާއި މިމައްސަލަ މިހާރު ދަނީ އިތުރަށް ތަހުޤީޤު ކުރަމުންކަމަށް ކަސްޓަމްސްއިން ބުނެއެވެ.

ކަސްޓަމްސްއިން މިިދިމަހުގެ 29 އަދި 31 ވަނަ ދުވަހު ކުރިއަރ ސާރވިސް މެދުވެރިކޮށް އިނގިރޭސިވިލާތުން ރާއްޖެގެނެސްފައިވާ ޕެކޭޖްތަކެއްގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތިވެސް ހޯދާފައިވާކަމަށެވެ. އެގޮތުން ފެނުނު ކޮސްމެޓިކްސްތަކެއްެގެ ތެރޭގައި ޝައްކުކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އެތަކެތި އިތުރަށް ބަލާ ފާސްކުރުމުން މެފެޑްރޯންއަށް ޕޮޒިޓިވްވެފައިވާކަމަށް ކަސްޓަމްސްއިން ބުނެއެވެ.

ކަސްޓަމްސްއިން ބުނީ މިތަކެތީގެ ބަރުދަނުގައި ޕެކިންއާއެކު ޖުމްލަ 1800 ގުރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 3.2 މިލިއަން ރުފިޔާއަށް އަރާނެކަމަށެވެ. މި މައްސަލަ އިތުރަށް ތަޙްޤީޤްކުރުމަށްޓަކައި، އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާއި ހަވާލުކޮށްފައިކަމަށްވެސް ކަސްޓަމްސްއިން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު