މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހަަމަޖައްސާނީ ހުރިހާ ސިޔާސީ ޕާޓީތަކަށް ހަމަހަމަވާގޮތަށް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގް ރޭ ވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގުރާމެއްގައި ރޭ ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވުމަށް ވޯޓް ފޮށިކައިރީގައި ތިބޭ އޮފިޝަލުން ހޯދަން މިހާރު އިއުލާންކޮށްފައިވާ ކަމަށެވެ. ރިޔާސީ އިންތިޚާބުގެ މަސައްކަތްތަކަށް ޖުމުލަ 6000 އޮފިޝަލުން ބޭނުންވާނެ ކަމަށް ފުއާދު ވިދާޅުވިއެވެ. ފުއާދު ވިދާޅުވީ ވޯޓްލާ މަރުކަޒުގައި ތިބޭ އޮފިޝަލުން ސިޔާސީ ޕާޓީތަކަށް ނިސްބަތްވުމަކީ މައްސަލަ އެއް ނޫން ކަމަށާއި، ޕާޓީތަކަށް ނިސްބަތްނުވާ މީހުން ހޯދުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ.

އިންތިޚާބުގައި އޮފިޝަލުންގެ ގޮތުގައި ނަގާ މީހުން ސިޔާސީ ޕާޓީތަކަށް ނިސްބަތްވި ނަމަވެސް އެ ފަރާތްތަކުން މަސައްކަތް ކުރާނީ އެކޮމިޝަންގެ މުވައްޒަފުންގެ ގޮތުގައި ކަމަށް ފުއާދު ވިދާޅުވިއެވެ. ވޯޓްލާ މަރުކަޒުތަކުގައި ތިބޭ އޮފިޝަލުން ހަމަޖައްސާނީ ހުރިހާ ސިޔާސީ ޕާޓީއަަކަށް ހަމަހަމަވާގޮތަށް ކަމަށާއި ވޯޓްލުމާ ވޯޓް ގުނުމާއި ހުރިހާ ކަމެއް ކުރިއަށްދާނީ މަންދޫބުންނާއި އޮބްޒާވަރުންގެ ކުރިމަތީގައި ކަމަށްވާއިރު މަކަރު ހެދުމުގެ ފުރުސަތު ނޯންނާނެ ކަމަށް ފުއާދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެއްވެސް ފޮއްޓެއް ދޫކޮށްނުލާނަން އެއް ޕާޓީއެއްގެ މީހުންނަކަށް، މިސާލަކަށް ފޮއްޓެއްގެ ޕީޕިއެމް ބޭފުޅަކު އިންނެވިއްޔާ އެމްޑީޕީގެ ބޭފުޅަކު ވެސް އިންނަވާނެ، ޖުމުހޫރީ ޕާޓީގެ ބޭފުޅަކު ވެސް އިންނަވާނެ، އަދާލަތު ޕާޓީ، އެމްއެންޕީއާއި ޕީއެންސީގެ ބޭފުޅުން ވެސް ތިއްބަވާނެ. އެގޮތަށް އެއްވެސް ޕާޓީއަކަށް ބުރަ ނުވާގޮތަށް ހަމަހަމަވާގޮތަށް އަޅުގަނޑުމެން ހަމަޖައްސާނީ،" ފުއާދު ވިދާޅުވިއެވެ.

މީގެ އިތުރުން ފުއާދު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ޖުމުލަ 600 ވޯޓް ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ކަަމަށެވެ. އަދި އެ ވޯޓް ފޮށި ބަހައްޓާ މަރުކަޒުތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން ރާއްޖޭގެ ހުރިހާ ސުކޫލުތަކެެއްގައި ވޯޓް ފޮށި ބެހެއްޓޭނެ ކަމުގެ ޔަގީން ކަން އެޑިއުކޭޝަން މިނިސްޓްރީން ދީފައިވާ ކަމަށް ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ މަސައްކަތްތަކަށް ދަރުބާރުގެ ލިބޭނެ ކަމުގެ ޔަގީންކަން ސަރުކާރުން މިހާރު ދީފައިވާ ކަމަށެވެ. އަދި މިމަހުގެ ފަހުކޮޅު ދަރުބާރުގެ ކޮމިޝަނަށް ލިބުމުން އިންތިޚާބުގެ މަސައްކަތް އެތަނުގައި ފަށާނެ ކަމަށް ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ ރިޔާސީ އިންތިޚާބާއި ދޭތެރޭ މިހާރު އޮތީ ޖުމުލަ 5 މަަސް ދުވަސް ކަމަށެވެ. އަދި މިހާރު ކަނޑައަޅާފައިވާ ތާރީޚުތަކުގައި އިންތިޚާބުގެ މަސައްކަތް ނިންމުމަށް އަދި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ފުއާދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު