މި ރޯދަމަހު އަގްސާ މިސްކިތުގައި އަޅުކަންކުރަމުންދާ ފަލަސްތީން ރައްޔިތުންނަށް އިސްރާއީލުން މެދުކެނޑުމެއްނެތި ކުރަމުންދާ އަނިޔާތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި މިއަދު ބޭއްވި، އޮގަނައިޒޭޝަން އޮފް އިސްލާމިކް ކަންޓްރީސް (އޯއައިސީ)ގެ އެގްޒެކެޓިވް ކޮމިޓީގެ އޯޕަން- އެންޑެޑް ކުއްލި ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ އެވެ.

ފޮރިން މިނިސްޓްރީން މައުލޫމާތުދޭގޮތުގައި މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އޯއައިސީ އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު އަދި ދިވެހިރާއްޖޭގެ ފަރާތުން ސައުދީ އަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހަލީލެވެ.

އޯއައިސީގެ މެންބަރު ގައުމުތަކުން މިހާރު ވަނީ އިސްރާއީލުގެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންގެންދާ އެހީތެރިކަމާއި އެއްބާރުލުން އިތުރުކޮށްދިނުމަށް އެދި، މި މައްސަލައާ ގުޅޭ ގަރާރެއް ފާސްކޮށްފައެވެ.

މިމައްސަލައިގައި ދިވެހިރާއްޖެއިން އަބަދުވެސް ގޮވާލަމުންދަނީ ފަލަސްތީނުގެ ބިންތަކަށް އިސްރާއީލުން ވެރިވެގަތުން ނިމުމަކަށް ގެނެސް، ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމްކޮށް، 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރާ ހިސާބަށް އިސްރާއީލުން ފަހަތަށް ޖެހުމަށް ބާރުއަޅާ، ފަލަސްތީނުގެ ދައުލަތުގެ ވެރިރަށުގެ ގޮތުގައި އިރުމަތީ ގުދުސް، އޮތުމަށް ކަމަށް ދިވެހި ޚާރިޖިއްޔާއިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު