ނ. މަނަދޫގައި މަރުވެފައި އޮއްވާ ފެނުނު، އެެރަށު އަންނާރުމާގެ، ނައީމާ މޫސާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ޖެހޭ ސަބަބެއް ނެތް ކަމަށް ފުލުހުން ބުނެފިއެވެ.

އެކަނި ދިރިއުޅެމުން އައި ނ. މަނަދޫ އަންނާރުމާގެ ނައީމާ މޫސާ 62، މަރުވެފައި އޮއްވާ ފެނިފައިވަނީ އޭނާގެ ހަބަރެއް ނުވެގެން އިއްޔެ އިރުއޮއްސި 6:13 ހާއިރު އޭނާގެ އާއިލާއިން ފުލުހުންނަށް ކުރި ރިޕޯޓާ ގުޅިގެން އޭނާ ގެއަށް ގޮސް ކޮޓަރީގެ ދޮރު ވައްޓާލައިގެން ބެލުމުންނެވެ. ނައީމާ ގެ މައްޗަށް ކަށުނަމާދު ކޮށް މިރޭ މަޣުރިބު ނަމާދަށްފަހުން ވަނީ ވަޅުލާފައެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނައީމާގެ ހަށިގަނޑު އިއްޔެ އިރުއޮއްސުނު ފަހުން ފުލުހުންނަށް ފެނިފައި ވަނީ އޭނާ ދިރިއުޅޭ ގޭގެ ކޮޓަރި ތެރޭ ތަޅުންގަނޑުމަތީގައި އަނިޔާތަކާއެކު މަރުވެފައި އޮއްވާ ކަމަށެވެ. އަދި އޭނާގެ މަރުގެ ތުހުމަތު ކުރެވޭ ކަންތައްތަކެއް ފާހަގަކުރެވިފައިވާތީ މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަނީ ހޮމިސައިޑް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ކަމަށް ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. އެގޮތުން ފުލުހުންގެ އެ ޑިޕާޓްމެންޓްގެ ތަހުގީގު ޓީމަކާއި، ފޮރެންސިކް ތަހުގީގު ޓީމެއްގެ އިތުރުން ފޮރެންސިކް ޕެތޮލޮޖިސްޓެއް އެރަށުގައި ހަރަކަތްތެރިވަމުންދާ ކަމަށް ފުލުހުން ބުންޏެެވެ.

ފުލުހުން ވަނީ އެ މަރުގެ މައްސަލައާ ގުޅޭ މައުލޫމާތެެއް ލިބިފައިވާ ފަރާތެއް ވާނަމަ ވީއެންމެ އަވަހަކަށް އެމައުލޫމާތެއް ފުލުހުންނާއި ހިއްސާ ކުރުމަށް އެދިފައެވެ.

"ނައީމާ މޫސާގެ ހަށިގަނޑު ބަލައި ތަހުލީލްތަކަށް ބޭނުންވާ ސާމްޕަލް ނެގުމަށްފަހު އިތުރަށް ޕޯސްޓްމޯޓަމް ހަދަންޖެހޭ ސަބަބެއް ނެތް ކަމަށް ފުލުހުންގެ ފޮރެންސިކް ޕެތޮލޮޖިސްޓުން ނިންމުމުން ހަށިގަނޑު ވާނީ އާއިލާ އާއި ހަވާލުކޮށްފައެެެވެ. ނައީމާ މޫސާގެ ހަށިގަނޑު މިއަދު 17:20 ގައި ވަނީ ވަޅުލާފައެވެ." ފުލުހުންގެ ބަޔާނުގައިވެއެވެ.

ނައީމާގެ މަރުގެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު