ސަފާ ގްރޫޕަށް ފައިސާ ދެއްކުމަށްފަހު އުމްރާއަށް ނުފުރުނު އުމްރާވެރިން، އުމްރާއަށް ފުރުވަން ސަރުކާރުން ސަފާ ޖަމާޢަތަށް މުހުލަތެއް ދީފިއެވެ.

ސަފާ ގްރޫޕްގެ މެދުވެރިކޮށް އުމްރާއަށް ދިއުމަށް 180 އަށްވުރެ ގިނަ މީހަކު ވަނީ ފައިސާ ދައްކާފައެވެ. ނަމަވެސް ވިސާ ހަމަނުޖެހޭކަމަށް ބުނެ އެ މީހުން ފުރަން އޮތް ދުވަހު ދަތުރު ވަނީ ކެންސަލްކޮށްފައެވެ.

ސަފާ ގްރޫޕުން ބުނީ ވިސާ ހޯދުމަށް ކުރި މަސައްކަތް ކާމިޔާބުނުވިކަމަށާއި އެހެންކަމުން އުމްރާ ދަތުރު އެއްކޮށް ކެންސަލްކުރަން ނިންމާފައިވާކަމަށެވެ. ސަފާ ގްރޫޕުން އެގޮތަށް ސަރުކާރުން ވަނީ އެ މައްސަލައިގެ ތެރެއަށް ވަދެ، އުމްރާވެރިންގެ ހައްގުތައް ކަަށަވަރުކުރުމުގެ މަސައްކަތްކޮށްފައެވެ. މިގޮތުން އިސްލާމިކް މިނިސްޓަރ ވަނީ މިއަދު ސަފާ ޖަމާޢަތުގެ އިސްވެރިންނާއި ބައްދަލުކުރައްވާފައެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު ވިދާޅުވީ ސަފާ ގްރޫޕަށް ފައިސާ ދެއްކިި މީޙުން މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން އުމްރާއަށް ފުރުވާލަންޖެހޭނެކަން އެ ގްރޫޕަށް އަންގާފައިވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ ސަފާ ގްރޫޕަށް ދީފައިވާ މުހުލަތުގެ ތެރޭގައި ސަފާ ގްރޫޕްގެ އުމްރާވެރިން ފުރުވައިނުލައިފިނަމަ އެ ގްރޫޕްގެ މައްސަލަ ފުލުހުންނަށްވެސް ހުށަހަޅާނެކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އުމްރާއަށް މީހުން ނުގެންދެވޭގޮތަށް އެ ޖަމާއަތުގެ ވެރިޔާ ބްލެކް ލިސްޓްކުރާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ބޭރުގެ އެއަރލައިނަކާއި ގުޅިގެން ޗާޓަރު ފްލައިޓެއްގައި ސަފާ ގްރޫޕްގެ އުމްރާވެރިން ފުރުވާލުމަށް މަސައްކަތްކުރަމުންދާކަމަށް އެ ގްރޫޕްގެ ވެރިން މައުލޫމާތު ދީފައިވާކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސަފާގެ އުމްރާވެރިން އަންނަ ހަފްތާގައި ފުރުވާލުމަށް އެ ޖަމާޢަތުން ދަނީ މަސައްކަތްކުރަމުންނެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ޢުމްރާ ވިސާއަކީ 3 މަސްދުވަސް ކުރިން ލިބޭ އެއްޗެއްކަމަށާއި، އެ ވިސާ ރާއްޖޭގެ ހައްޖު ކޯޕަރޭޝަނުންވެސް ހަމަޖައްސައިދޭކަމަށްވެސް މިނިސްޓްރީން ވިދާޅުވިއެވެ. އެހެންކަމުން ސަފާ ގްރޫޕަށް ފައިސާ ދެއްކި ފަރާތްތަކަށް ވިސާާ ހަމަނުޖެހި އޮތީ ސަފާ ގްރޫޕުން އެކަން ނުކޮށް އޮތުމުންކަމަށް މިިނިސްޓްރީން ވިދާޅުވެއެވެ.



ކިޔުންތެރިންގެ ހިޔާލު