ނުރައްކާތެރި ބަލިތަކެއްކަމަށްވާ ޓީބީ، ލެޕްރަސީ އަދި ރުބެއްލާ ރާއްޖެއިން ނައްތާލަން އަމާޒު ހިފައިފައިވާ ކަމަށް މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަޞީމް ވިދާޅުވެއްޖެއެވެ.

ނަސީމް މިހެން ވިދާޅުވީ ދުނިޔޭގެ ސިއްޙަތު ދުވަހުގެ މުނާސަބާގައި ދެއްވި ޚިތާބުގައެެވެ. ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މި އަހަރު، ރުބެއްލާ ބަލި ރާއްޖެއިން ފޮހެލައި 2025ގެ ނިޔަލަށް ދިވެހިރާއްޖެއިން ޓީބީ ނައްތާލުން ކަމަށެވެ. އަދި، ފިޔަވަހިތަކަކަށް ބަހާލައިގެން ފަހަރަކު ސަރަހައްދަކަށް އަމާޒުކޮށްގެން، ލެޕްރަސީވެސް މުޅިން ފޮހެލުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ނަސީމް ވިދާޅުވިއެވެ.

މިނިސްޓަރ ނަސީމް ވިދާޅުވީ ސިއްހީ ދާއިރާއިން ދުނިޔެ ހޯދި ކޮންމެ ކާމިޔާބީއެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި ރާއްޖެއިންވެސް ހޯދާފައިވާކަމަށެވެ. އަދި އެ ކާމިޔާބީތައް ހޯދުމަށް އދ.ގެ ކަމާއިގުޅޭ ހުރިހާ އެޖެންސީތަކާއެކު މަސައްކަތްކުރެވިފައިވާ ކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން މެލޭރިއާއާއި ހިމަބިއްސާއި ޕޯލިއޯ އަދި ރުބެއްލާފަދަ ބަލިތަކަށް ވެކްސިން ކަވަރޭޖް ދީފައިވާ މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ބައެއް ނުރައްކާތެރި ބަލިތައް ރާއްޖޭގައި ފެތުރުން ނިމުމަކަށް ގެނެވިފައިވީނަމަވެސް، ޞިއްޙީ ޚިދުމަތް ވަކި ގޮތަކަށް ބައްޓަންކުރުމުން ކަމަށެވެ.

ކަށިވިދުރިއާ، ލެޕްރަސީއާއި، ފައިލޭރިއާއި މެލޭރިއާފަދަ ބަލިތަކަކީ އިންސާނިއްޔަތަށް އޮތް ބޮޑު ބިރެއްކަމަށާއި އަދި ދުނިޔޭގެ ސިއްޙަތު ދުވަސް ފާހަގަކުރަން ފެށިތާ 75 އަހަރު ފުރޭއިރު މި ބަލިތަކުން ރާއްޖެ އަރައިގަނެފައިވުމަކީ ހާސިލްކުރެވުނު ބޮޑު ކާމިޔާބީއެއްކަަން މިނިސްޓަރު ނަސީމް ވަނީ ފާހަގަކުރަށްވާފައެވެ.

މިނިސްޓަރ ނަސީމް ވިދާޅުވީ ގައިން ގަޔަށް ނާރާ ނުރައްކާތެރި ބަލިތަކުން ރައްކާތެރިވުމަށްޓަކައި ދިރިއުޅުމުގެ ވައްޓަފާޅިއާމެދު ސަމާލުވާންޖެހޭކަމަށެވެ. އަދި ކިޔުރޭޓިވް ކެއާރ އަށްވުރެ ޕްރެވެންޓިވް ކެއާރއަށް ބަރޯސާ ވާންޖެހޭކަމަށާއި ކައިރި މުސްތަޤަބަލެއްގައި ޕްރައިމަރީ ހެލްތު ކެއާރއަށާއި ޕަބްލިކް ހެލްތަށް އިސްކަންދެވޭ ފުރިހަމަ ނިޒާމެއް ރާއްޖޭގައި ޤާއިމުކުރެވޭނެކަމަށްވެސް މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.

މީގެ އިތުރުން ނަސީމް ވިދާޅުވީ މީގެކުރިން ރާއްޖޭގައި އުފަންވާ ކޮންމެ 1000 ކުދިންގެ ތެރެއިން މަރުވާ ކުދިންގެ އަދަދު 100 އަށްވުރެ މަތީގައި ހުރިނަމަވެސް، އެ އަދަދު 10 އަކަށްވުރެ ދަށްކުރެވިފައިވަނީ ޕްރައިމަރީ ހެލްތު ކެއަރ ނިޒާމުގެ ސަބަބުންކަމަށެވެ. އަދި ދިވެހިންގެ ލައިފް އެކްސްޕެންޓަންސީ ނުވަތަ އެވްރެޖް އުމުރު 40 އަހަރުން، 70 އަހަރަށް ގެންދެވިފައިވަނީވެސް ޞިއްޙީ ޚިދުމަތް ވަކި ގޮތަކަށް ބައްޓަންކުރުމުންކަން މިިނިސްޓަރގެ ހިތާބުގައި ވަނީ ފާހަގަކުރަށްވާފައެވެ.

ދުނިޔޭގެ ސިއްޙަތު ދުވަސް ފާހަގަކުރުމުގެ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މިއަހަރަށް ކަނޑައަޅާފައިވާ ޝިއާރަކީ "ހެލްތް ފޮރ އޯލް" ނުވަތަ އެންމެނަށް ސިއްޙަތު މި ޝިއާރެވެ.



ކިޔުންތެރިންގެ ހިޔާލު