މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޯޖީއާ ޖަޕާން އިންޓަރނޭޝަނަލް ކޯރޕަރޭޝަން އެޖެންސީ، ޖައިކާ ގުޅިގެން ހިންގޭ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރުޢޫގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މިކަމާ ގުޅޭ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ އެވެ. ޖައިކާގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެއަށް ހާއްސަކޮށްފައިވާ މަންދޫބެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ މި މަޝްރޫއަކީ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނާ އެއްގޮތްވާގޮތުގެ މަތިން، މޫސުމަށް އަންނަ ބަދަލުތަކުން ރާއްޖޭގެ ރަށްތައް ރައްކާތެރިކުރުމަށް، އަދި ވަކިން ޚާއްސަކޮށް މީހުން ދިރިއުޅޭ ރަށްރަށުގެ ގޮނޑުދޮށްތައް ޙިމާޔަތްކުރުމަށް އަމާޒުކޮށްގެން ހިންގޭ މަޝްރޫޢެއް ކަމަށެވެ. 6 އަހަރު ދުވަހުގެ މުއްދަތަށް ހިންގުމަށް ހަމަޖެހިފައިވާ މި މަޝްރޫއަށް ޖައިކާގެ ފަރާތުން 35.4 މިލިއަން އެމެރިކާ ޑޮލަރާއި، ގްރީން ކުލައިމެޓް ފަންޑުން 25.1 މިލިއަން އެމެރިކާ ޑޮލަރާ އަދި ދިވެހި ސަރުކާރުގެ ފަރާތުން 5.5 މިލިއަން ޑޮލަރު ހަރަދުކުރުމަށް ވަނީ ނިންމާފައެވެ.

މި މަޝްރޫޢުގެ ދަށުން ގޮނޑުދޮށް ހިމާޔަތްކުރަން ހަމަޖެހިފައިވަނީ ލ. މާމެންދޫ، ފޮނަދޫ، ގަން، އިސްދޫ އަދި އައްޑޫ ސިޓީ މީދޫގެ ކަނޑައެޅޭ ސަރަހައްދުތަކެއްގައެވެ.



ކިޔުންތެރިންގެ ހިޔާލު