ޑރ. އައިޝަތު އަލީ ނާޒްގެ އިލްމާއި ތަޖުރިބާއިން ޕާޓީއަށް ކުރިއެރުން ލިބޭނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް އޮނަރަބަލް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ މަޝްހޫރު ސައިކޮލޮޖިސްޓް ޑރ. އައިޝަތު އަލީ ނާޒް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތުމާއި ގުޅިގެން އެކަމަނާއަށް މަރުހަބާ ދަންނަވާ ފޮނުއްވި މެސެޖުގައެވެ.

މާލޭގައި ހިންގާ ނަފްސާނީ ބަލިތަކަށް ފަރުވާ ދޭ ކްލިނިކެއް ކަމަށްވާ މިޕްސްޓާގެ ވެރިޔާ ޑރ. ނާޒް ޖޭޕީއަށް ސޮއިކޮށްފައިވަނީ މިއަދުއެވެ.

ޑރ. ނާޒަށް މަރުހަބާ ދަންނަވާ ފޮނުއްވި މެސެޖުގައި ގާސިމް ވިދާޅުވީ ނާޒްފަދަ ތައުލީމީ އަދި ތަޖުރިބާކާރު ކަނބަލަކު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވުމަކީ ޕާޓީޢަށް ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށެވެ. އަދި ނާޒްގެ އިލްމާއި ތަޖުރިބާއަކީ ޕާޓީއަށް އަގުހުރި އެއްޗަކަށްވާނޭކަމަށް ގާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ، ނާޒްފަދަ ގައުމުގައި ބަލައިގެންފައިވާ ބޭފުޅުން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތުމަކީ ރައްޔިތުންގެ ހައްގުގައި ޖުމްހޫރީ ޕާޓީން މަސައްކަތްކުރާކަން ސާބިތުކޮށްދޭ ކަމެއްކަމަށެވެ. އަދިި ކުރިއަށް އޮތް ދުވަސްތަކުގައި އެކުގައި މަސައްކަތްކޮށް ޕާޓީއަށް ބޮޑެތި ކާމިޔާބީތައް ހޯދޭނެކަމަށް ޤަބޫލުކުރައްވާކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީއާ މިއަދު ގުޅިވަޑައިގަތް ޑރ. ނާޒްވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް މެންޗެސްޓާއިން ކްލިނިކަލް ސައިކޮލޮޖީގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވާފައެވެ. އަދި އިންޑިއާގެ ބެންގަލޫރުގައި ހުންނަ ކްލިނިކަލް ސައިކޮލޮޖީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް މެންޓަލް ހެލްތު އެންޑް ނިއުރޯސައިންސުން ޑރ. ނާޒްވަނީ މާސްޓާ އޮފް ފިލޯސަފީ ހާސިލްކުރައްވާފައެވެ.

ޖުމްހޫރީ ޕާޓީން އަންނަނީ ކުރިއަށްއޮތް ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ޕާޓީ ވަރުގަދަކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު