ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ޝަހީމް (އަނދުން ހުސެއިން)ގެ އިސްތަށިފުޅުގައި، އެމަނިކުފާނަށް ދިން ބޮމުގެ ހަމަލާއާ ގުޅޭ ގޮތުން އިލްޒާމެއް އަޅުވާފައި ނުވާނޭ ކަމަށް، ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ ސުވާލު ކުރުމުގެ ވަގުތުގައި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ކުރެއްވި ސުވާލަކާއި ގުޅިގެންނެެވެ. މޮސްޓާ ވަނީ ހަމަލާގެ ޒިންމާ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ހެންވޭރު ދެކުނު ދާއިރާގެ މެންބަރުގެ އިސްތަށިފުޅުގައި އަޅުވާފައިވާތީ އެކަމާ ހެންވޭރު ދެކުނު ދާއިރާގެ މެންބަރާ އެއްވެސް ގުޅުމެއް އޮތްތޯ ސުވާލު ކުރަށްވާފައެވެ.

އެކަމާ ގުޅިގެން ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވިދާޅުވީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއިން އެ މައްސަލަ ވަރަށް ތަފްސީލްކޮށް ބައްލަވާފައިވާ ކަމަށެވެ. އެ މައްސަލަ ބެލުމަށް ފަހު އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

މާރިޔާގެ ވާހަކަ ނިމުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވީ އެއީ އެމަނިކުފާނާއި ގުޅުވައި ދެއްކެވި ވާހަކަ އަކަށްވާތީ އެ ސުވާލަށް ޖަވާބު ދޭންޖެހޭ ކަމަށެވެ. އަދި އެއްވެސް އިރެއްގައި ހެންވޭރު ދެކުނު ދާއިރާގެ މެންބަރުގެ އިސްތަށިފުޅުގައި އެފަދަ އިލްޒާމެއް އަޅުވާފައި ނުވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އެފަދަ އިލްޒާމެއް އެޅުވި ނަމަ، އެއީ ވަރަށް އެހެން ބާވަތެއްގެ އިތުބާރެއް އެ ބޭފުޅަކަށް އެ ލިބިވަޑައިގަންނަވަނީ، އަޅުގަނޑު އެއްވެސް އިރެއްގައި، އިއްޒަތްތެރި ވަޒީރަށް ވެސް އެނގިވަޑައިގަންނަވާނޭ ގޮތަށް، އެ ބާވަތުގެ އިލްޒާމެއް ހެންވޭރު ދެކުނު ދާއިރާގެ އިއްޒަތްތެރި މެންބަރުގެ އިސްތަށިފުޅުގައި އަޅުވާފައެއް ނުވާނެ." މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވި ނަމަވެސް އެމަނިކުފާނު މީގެ ކުރިން ވަނީ ހަމަލާއާއި ގުޅިގެން އަނދުން ހުސެއިނަށް ސީރިއަސް ތުހުމަތެއް ކުރަށްވާފައެވެ. އަދި އެ މައްސަލަ ބަލަން އުފެއްދި ކޮމިޓީތަކަށް މެންބަރު ޝަހީމް ހުރަސްއަޅާފައިވާ ކަމަށާއި އޭނާގެ އަތުގައި ކޭތިފައިވަނީ އެމަނިކުފާނުގެ "ލޭ" ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލުމަށް އަމާޒުކޮށް ބޮމުގެ ހަމަލާއެއް ދީފައިވަނީ 2021 ވަނަ އަހަރުގެ މޭމަހު 6 ވަނަ ދުވަހުގެރޭ އިރާކޮޅުގެ ވަގުތެއްގައި އެމަނިކުފާނުގެ އާއިލީ ގެކޮޅު ގ. ކެނެރީގެއިން ނިކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން ދިޔަ މަގުމަތީގައެވެ.



ކިޔުންތެރިންގެ ހިޔާލު