ރާއްޖެއަށް އިޖުތިމާއީ އަދި އިގުތިސާދީ ހަމަޖެހުންގެނެސްދެއްވި ހަމައެކަނި ވެރިޔަކީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުކަމަށް އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު ވިދާޅުވެއްޖެއެވެ.

ހަމީދު މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީން ވަކިވެ، އެމްޑީޕީއާ ގުޅުނު ސަބަބާއި ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ.

ހަމީދު ވިދާޅުވީ ރާއްޖެއަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ ގައުމުގެ ހަމަޖެހުން ގެއްލުން ކަމަށާއި ގައުމުގެ ހަމަޖެހުމަށްވުރެ ބޮޑު ކަމެއް އޮވެގެންނުވާނެ ކަމަށެވެ.

ހަމީދު ވިދާޅުވީ އިޖުތިމާއީ ހަމަޖެހުމާއި އަދި އިގުތިސާދީ ހަމަޖެހުމަކީ ގައުމު ހިންގުމާއި ގައުމުގެ މުސްތަގުބަލަށްޓަކާ ކޮންމެހެން ލާޒިމު ކަމެއްކަމަށެވެ. އަދި އެ ހަމަޖެހުން ރައްޔިތުންނާ ހަމައަށް ގެނެވުނީ ރައީސް ސާލިހުގެ ޒައާމަތުގައިކަން ހަމީދު ފާހަގަކުރެއްވިއެެވެ.

ހަމީދު ވިދާޅުވީ މި ވެރިކަމުގައި ރާއްޖެއަށް ރައީސް ސާލިހު ގެންނެވި އިޖުތިމާއި އަދި އިގުތިސާދީ ހަމަޖެހުމަށް އެކަނި ބެލި ނަމަވެސް އެމަނިކުފާނަށް ރިޔާސީ ދެވަނަ ދައުރެއް ދިނުން ލާޒިމްކަމަށެވެ.



ރައީސް ސާލިހުގެ ސަރުކާރުން ހިންގާ ތަރައްގީގެ މަސައްކަތްތަކަށްވެސް ހަމީދު ވަނީ ތައުރީފްކުރައްވާފައެވެ. އެގޮތުން ރައީސް ސާލިހުގެ ސަރުކާރުން ހިންގާފައިވާ ތަރައްގީގެ ޕްރޮޖެކްޓުތައް އެހެން ސަރުކާރުތަކާ އަޅާނުކިޔޭ ވަރަށް ހިންގާފައިވާކަމަށް ހަމީދު ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގައި 14 އަހަރު އުޅުއްވުމަށްފަހު މެމްބަރު ހަމީދު އެމްޑީޕީއަށް ސޮއިކުރެއްވީ މިއަދުއެވެ.

ހަމީދު އެމްޑީޕީއަށް ސޮއިކުރުމަށް މުލިއާގޭގައި ބޭއްވި ރަސްމިއްޔާތުގައި އެމްޑީޕީގެ އިސް ލީޑަރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި، ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ އިތުރުން ޕާޓީގެ ލީޑަޝިޕް ބޭފުން ބައިވެރިވެވަޑައިގެންނެވިއެވެ.

އަލީ ހަމީދު އެމްޑީޕީއަށް ސޮއިކުރުމުން އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ އަދަދު 67 އަށް އެރީއެވެ.

އަލީ ހަމީދު އެމްޑީޕީއަށް ސޮއިކޮށްފައިވާއިރު ޖުމްހޫރީ ޕާޓީގައި އިސްކޮށް އުޅުއްވާ ގިނަ މެމްބަރުންތަކެއް ދަނީ ރައީސް ސާލިހަށް ތާއީދުކުރާކަން ހާމަކުރަމުންނެވެ. އޭގެތެރޭގައި މިިނިސްޓަރ އަހުމަދު ސަމީރު، މިނިސްޓަރ އަބްދުﷲ މައުސޫމްވެސް ހިމެނިވަޑައިގަންނަވައެެވެ.



ކިޔުންތެރިންގެ ހިޔާލު