އެކި ކުށްތައް ސާބިތުވެގެން ޖޫރިމަނާގެ އަދަބު އައިސްފައި ތިބި ފަރާތްތަކުގެ ތެރެއިން ޖޫރިމަނާގެ ފައިސާ ނުދައްކާ ފަރާތްތަކާއި ދެކޮޅަށް އެޓާނީ ޖެނެރަލްގެ އޮފީހުން ދައުވާކުރަން ފަށައިފިއެވެ.

ބައެއް މައްސަލަތަކުގައި ކުށް ސާބިތުވުމުން ޖަލު އަދަބު ނުވަތަ ގޭ ބަންދުގެ އަދަބުގެ ބަދަލުގައި ޖޫރިމަނާގެ އަދަބުވެސް ދެއެވެ. ނަމަވެސް އޭގެތެރެއިން ހުކުމާއި އެއްގޮތަށް ފައިސާ ދައްކާ މީހުން މަދުކަމަށް ކަމާއިބެހޭ ފަރާތްތަކުން ބުނެއެވެ.

ޖޫރިމަނާގެ ފައިސާ ނުދައްކާ މައްސަލަ ބޮޑުވުމުން އެޓާނީ ޖެނެރަލްގެ އޮފީހުން މިހާރު ދަނީ އެފަދަ ފަރާތްތަކުގެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅަމުންނެވެ. އޭގެ ތެރެއިން ބައެއް މައްސަލަތަކުގައި ފައިސާ ދައްކަން ސިވިލް ކޯޓުން މިހާރު ވަނީ ހުކުމްވެސްކޮށްފައެވެ.

ސިވިލް ކޯޓަށް ހުށަހަޅާފައިވާ ބައެއް މައްސަލަ ދައުލަތުން މިހާރު ވަނީ އަނބުރާ ގެންގޮސްފައެވެ. އެއީ ޖޫރިމަނާގެ އަދަބު ޖަލު، އަދަބަށް ބަދަލު ކުރުމުގެ ފުރުސަތު ގަވާއިދުގެ ދަށުން އޮންނާތީ އެކަން ކުރުމަށެވެ.

ކުށެއްގެ އަދަބެއްގެ ގޮތުގައި ޖޫރިމަނާގެ އަދަބު ކަނޑައަޅާފައިވާ ފަރާތްތަކުގެ އަދަބު ޖަލު ނުވަތަ ގޭ ބަންދުގެ އަދަބަށް ބަދަލު ކުރެވޭނީ ކްރިމިނަލް ކޯޓަށް ނުވަތަ އެ މައްސަލައެއް ނިންމި މެޖިސްޓްރޭޓް ކޯޓަކުނެވެ.



ކިޔުންތެރިންގެ ހިޔާލު