2021 ވަނަ އަހަރު ފޮރިން މިނިސްޓްރީގެ ހަރަދުތައް ހިންގާފައިވަނީ ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ގަވާއިދާއި އެއްގޮތަށްކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން މިކަން ހާމަކޮށްފައިވަނީ 2021 ވަނަ އަހަރުގެ ފޮރިން މިިނިސްޓްރީގެ އޮޑިޓް ރިޕޯޓްގައެވެ.

2021 ވަނަ އަހަރު ފޮރިން މިނިސްޓްރީއަށް ހަމަޖައްސާފައިވަނީ 337 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި ހަރަދުކޮށްފައިވަނީ 304 މިލިއަން ރުފިޔާއެވެ.

އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުގައި ބުނީ 2021 ވަނަ އަހަރު މާލީ އަހަރުގެ ޚަރަދުތައް ކޮށްފައިވަނީ އެއަހަރަށް ރައްޔިތުންގެ މަޖިލީހުން އެ މިނިސްޓްރީއަށް ފާސްކޮށްދެއްވި ބަޖެޓުގެ މަޤްސަދުތައް ޙާޞިލްވާ ގޮތަށްކަމަށެވެ. އަދި އެ ބަޖެޓުގައި ކަނޑައެޅިފައިވާ ކަންތައްތަކަށް، ބަޖެޓުގައި ކަނޑައެޅިފައިވާ މިންވަރަށް، ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށްކޮށްފައިވާކަމަށްވެސް ރިޕޯޓްގައިވެެއެވެ.

އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްގައި ފޮރިން މިނިސްޓްރީގެ އެހެނިހެން މާލީ ކަންކަންވެސް މައިގަނޑުގޮތެއްގައި ހިންގައި ބަލަހައްޓާފައި ވަނީ ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށްކަން ފާހަގަކޮށްފައިވެއެވެ.

އާއްމު ގޮތެއްގައި ބައެއް މުއައްސަސާތަކުގެ އޮޑިޓް ރިޕޯޓްތަކުގައި ޤާނޫނާއި ހިލާފަށްކޮށްފައި ހުންނަ ވަރަށް ގިނަ ހަރަދުތައް ފާހަގަކޮށްފައި ހުރެއެވެ. ނަމަވެސް ފޮރިން މިނިސްޓްރީގެ މިދިޔަ 3 އަހަރުގެ އޮޑިޓްގައިވެސް ފާހަގަކޮށްފައިވަނީ އެ މިނިސްޓްރީއަކީ ޤާނޫނާއި ގަވާއިދާއި އެއްގޮތަށް ހަރަދުތައް ހިންގާ ވުޒާރާއެއްކަމެވެ.



ކިޔުންތެރިންގެ ހިޔާލު