އިރުފުށި ރިސޯޓް ހިންގަން ހިލްޓަނާއެކު ހެދި އެއްބަސްވުން ބާތިލްކުރި މައްސަލާގައި އެކުންފުންޏަށް ފައިސާ ދޭން ސަން ޓްރެވަލްސްގެ މައްޗަށް ކޮށްފައިވާ ހުކުމަށް އަމަލުކުރަން ފަސްކުރުމުގެ އަމުރެއް ހައި ކޯޓުން ނެރެފިއެވެ.

މި މައްސަލާގައި ހިލްޓަނަށް 24 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ސިންގަޕޫރުގެ އާބިޓްރޭޝަނުން ސަން ކުންފުނީގެ މައްޗަށް ވަނީ އަންގާފައެވެ. އަދި އެ ފައިސާ ދެ ހަފުތާ ތެރޭގައި ދައްކަން މިދިޔަ ފެބްރުއަރީމަހު ސިވިލް ކޯޓުން އޮތީ ހުކުމްކޮށްފައެވެ.

މި ފައިސާ ދައްކަން ސިވިލް ކޯޓުން ކުރި ހުކުމަށް އަމަލުކުރުން ފަސްކުރަން ހައިކޯޓުން މިއަދު އަމުރެއް ނެރުނީ ސިވިލް ކޯޓުގެ ހުކުމް އިސްތިއުނާފްކުރަން ސަން ޓްރެވަލްސްގެ ފަރާތުން ހުށަހަޅާފައިވާތީއެވެ. އަދި އެ ހުކުމަށް އަމަލުކުރުން ފަސްނުކޮށްފިނަމަ ސަން ކުންފުންޏަށް އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބިދާނެކަމަށް ހައި ކޯޓުގެ އަމުރުގައިވެއެވެ.

ހައިކޯޓުގެ 3 ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރުގައި ވަނީ ސަން ޓްރެވަލުން ހުށަހަޅާފައިވާ މައްސަލަ ނިމެންދެން ނުވަތަ އެހެން ގޮތަކަށް އަންގަންދެން ސިވިލް ކޯޓުގެ ހުކުމަށް އަމަލުކުރުން ފަސްކުރުމަށެވެ.

އިރުފުށި ރިސޯޓް ހިންގަން ހިލްޓަނާއެކު ހެދި އެއްބަސްވުން 2013 ވަނަ އަހަރު އުވާލުމުން ބަދަލުގެ ގޮތުގައި 24 މިލިއަން ޑޮލަރު ދޭން ސިންގަޕޫރު އާބިޓްރޭޝަނުން އެންގީ 2015 ވަނަ އަހަރުއެވެ.



ކިޔުންތެރިންގެ ހިޔާލު