ފުޅާ ދާއިރާއެއްގައި ގެސްޓްހައުސް ވިޔަފާރި ހިންގަމުންދާ މާލެ އަތޮޅު މާފުށީ ނަރުދަމާ ނިޒާމް އަޕްގްރޭޑްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމުގެ ޔަގީކަން އެމްޑަބްލިޔުއެސްސީން ދީފިއެވެ.

ނޫސްވެރިންނަށް މައުލޫމާތުދިނުމަށް މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެމްޑަބްލިޔުއެސްސީ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވީ ލޯކަލް ޓޫރިޒަމް ފުޅާ ދާއިރާއެއްގައި ހިންގަމުންދާ މާފުށީގެ ނަރުދަމާގެ ނިޒާމްގެ މައްސަލަތަކުގެ ކަންބޮޑުވުން އެރަށު ރައްުޔިތުންނާއި ވިޔަފާރިވެރިން ވަރަށް ބޮޑަށް ފާހަގަކުރާކަމަށެވެ.

ޝާހު ވިދާޅުވީ މާފުށީގެ ގޭބީސީތަކާއި ގެސްޓްހައުސްތައް އިތުރުވަމުންދިއުމާއި ގުޅިގެން ނަރުދަމާ އޯވަލޯޑްވަމުންދާކަމަށެވެ. އަދި އެ ރަށުގައި ބޭނުންކުރަނީ ރައީސް މައުމޫންގެ ވެރިކަމުގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމެއްކަމަށްވެސް ޝާހު ވިދާޅުވިއެވެ.

"މާފުށީގައި ގޭބީސީތަކާއި ގެސްޓް ހައުސްތައް އިތުރުވަމުންދާތީ އެރަށުގައި އަންނަނީ ނަރުދަމާ ނިޒާމް އޯވަލޯޑްވަމުން. މާފުށީގައި މިހާރު ގާއިމްކޮށްފައިވާ ނަރުދަމާ ނިޒާމަކީ 2007 ވަނަ އަހަރު ޤާއިމްކޮށްފައިވާ ނިޒާމެއް. 4 އިންޗި ހޮޅި ބޭނުންކޮށްގެން ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމެއް." ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ މާފުށްޓަށް އިއްޔެ ކުރި ޒިޔާރަތުގައި އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިން އެންމެ ބޮޑަށް ފާހަގަކުރީވެސް ނަރުދަމާ ނިޒާމްގެ މައްސަލަކަމަށެވެ. އެހެންކަމުން މާފުށީ ނަރުދަމާ ނިޒާމް އަޕްގްރޭޑްކުރާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާކަމަށްވެސް ޝާހު ވިދާޅުވިއެވެ.

"ރައްޔިތުންނާއި ވިޔަފާރިވެރިންގެ ކަންބޮޑުވުން އޮތް މައްސަލައެެއް މިއީ. 2000 އަށްވުރެ ގިނަ ޓޫރިސްޓް އެނދު އޮތް ރިސޯޓެއް. ރިސޯޓްތަކަށްވުރެ ގިނައިން އެނދު އެބަހުރި މާފުށީގައި. މާފުށްޓަށް ރަނގަޅު ނަރުދަމާ ނިޒާމެއް އެބަ ބޭނުންވޭ. މާފުށީ ނަރުދަމާ ނިޒާމް އަޕްގްރޭޑްކުރާނެކަމުގެ ޔަގީންކަން އަރުވަން ބޭނުން ރައްޔިތުންނަށް." ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ މާފުށީ ނަރުދަމާ ނިޒާމް އަޕްގްރޭޑްކުރުމަށް ޕްލޭންތަކެއް އެކަށައަޅާފައިވާކަމަށެވެ. އަދި މިކަމަށް ބޭނުންވާ ފައިނޭންސްއާއި ޓެކްނިކަލް ކަންކަން ހަމަޖެއްސުމަށް މިހާރުވެސް މަސައްކަތްކުރަމުންދާކަމަށާއި މާފުށީ ނަރުދަމާ ނިޒާމްގެ އަޕްގްރޭޑްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށްވެސް ޝާހު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު