ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ގެންގުޅުއްވަނީ ތަރައްޤީގެ ރޮނގުން ހުރިހާ ޤައުމަކާއެކުވެސް މަސައްކަތްކުރުމުގެ ސިޔާސަތެއްކަމަށް ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދަޅުވީ ޗައިނާއާއި ރާއްޖެއާ ދެމެދު 4 އެއްބަސްވުމެއްގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޝާހިދު ވިދާޅުވީ ރައީސް ސާލިހުގެ ޚާރިޖީ ދާއިރާގެ ތަސައްވަރާއެކު މިއަދު ރާއްޖެއަކީ ބައިނަލްއަގުވާމީ ހުރިހާ ޤައުމެއްގެ އެހީތެރިކަމާއިއެކު ތަރައްޤީގެ ރޮނގުން ބޮޑެތި ކާމިޔާބީތަކެއް ހާސިލްކުރަމުންދާ ގައުމެއްކަމަށެވެ. ޝާހިދު ވިދާޅުވީ ތަރައްޤީގެ ކަންކަމުގައި މިއަދު ރާއްޖެއަށް އެހީތެރިކަން ލިބެނީ އެންމެ ޤައުމަކުން ނޫންކަމަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުން މިއަދު ރާއްޖެއަށް އެހީތެރިކަން ލިބެމުން އަންނަކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ތެރެއިން ދުނިޔެއާއި ލާމެހިފައިވާ ޤައުމަށް މިއަދު ރާއްޖެވެފައިވާކަމަށެވެ.

ޗައިނާއާއެކު މިއަދު ޤާއިމްކުރި އެއްބަސްވުންތަކަށް އަލިއަޅުއްވާލައްވަމުން ޝާހިދު ވިދާޅުވީ ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގައި އަބަދުވެސް މުހިންމު ހިއްސާއެއް އަދާކުރާ ޤައުމެއްކަމަށެވެ.



މިއަދު ޗައިނާއާއި ރާއްޖެއާއިއެކު ވެވުނު އެއްބަސްވުންތަކުގެ ތެރޭގައި 2026 އިން 2027 އަށް ދެގައުމުގެ ދެމެދުގައި ތަރައްޤީގެ ގުޅުން ބަދަހި ކުރުމަށް މަސައްކަތްކުރާނެ ގޮތުގެ މައްޗަށް ވެވުނު އެއްބަސްވުމަކާއި، ޗައިނާގެ އެހީގައި ބިނާކޮށްފައިވާ ދާރުލް އާސާރާއި، ލައިބްރަރީ މަރާމާތުކުރުމުގެ އެއްބަސްވުމުގެ އިތުރުން ޗައިނާ މޯލްޑިވްސް ފްރެންޝިޕް ބްރިޖު މަރާމާތު ކުރުމުގެ އެއްބަސްވުމުގައިވެސް ވަނީ ސޮއިކޮށްފައެވެ.

މީގެ އިތުރުން ރާއްޖޭގެ އުތުރުގެ ދެރަށެއްގައާއި ރާއްޖޭގެ ދެކުނުގެ ދެރަށެއްގައި ރީޖަނަލް ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. ރީޖަނަލް ފެންވަރަށް ތަރައްޤީ ކުރާ ހޮސްޕިޓަލްތައް ޤާއިމް ކުރުމަށް ހަމަޖެހިފައިވަނީ ހއ.ދިއްދޫ، ރ.އަލިފުށި، ދ.ކުޑަހުވަދޫ އަދި ގއ.ވިލިނގިލީގައެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ސިއްޚީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ޗައިނާއާއިއެކު އެޅުމަށް ނިންމާފައިވާ ހޮސްޕިޓަލުތަކުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށެވެ. އަދި މިމަސައްކަތްތަކާއިއެކު ކުރިއަށް އޮތްތަނުގައިވެސް ޗައިނާއާ ރާއްޖެއާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ޔަގީން ކުރައްވާކަމުގައި މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު