އަހުމަދު މަސްނޫމް   2 އޭޕްރީލު 2023 - 15:51
ޗައިނާއާއި ރާއްޖެއާ ދެމެދު މުހިއްމު 4 އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ރާއްޖެއަށް މިހާރު ވަޑައިގެން އުޅުއްވާ ޗައިނީސް އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ، ސީއައިޑީސީއޭގެ ވައިސް ޗެއަރމަންގެ ދަތުރުފުޅުގެ ތެރެއިންނެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުންތައް ގާއިމްކޮށްފައިވަނީ ހާރިޖީ ދާއިރާ، ސިއްހީ ދާއިރާ، ސިނަމާލެ ބްރިޖްގެ މެއިންޓަނަންސް އަދި ގައުމީ ދާރުލްއާސާރު މަރާމާތު ކުރުމާއި ގުޅޭ އެއްބަސްވުންތަކެކެވެ.



ހާރިޖީ ދާއިރާއާއި ގުޅޭ އެއްބަސްވުމުަގައި ސޮއިކުރެއްވީ ފޮރިން ސެކްރެޓަރީ އަހުމަދު ލަތީފެވެ. ހޮސްޕިޓަލްތަކުގެ ފީސިބިލިޓީ ހެދުމާއި ރާއްޖޭގެ އުތުރުގެ ދެރަށެއްގައާއި ރާއްޖޭގެ ދެކުނުގެ ދެރަށެއްގައި ރީޖަނަލް ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ހެލްތުގެ ސްޓޭޓް މިނިސްޓަރ އަހުމަދު އާދިލެވެ. ބްރިޖުގެ މެއިންޓަނަންސްއާބެހޭ އެއްބަސްވުމުގައި ސޮއިކުރެއްވީ ޕްލޭނިންގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީނެވެ. ދާރުލް އާސާރު މަރާމާތުކުރުމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ ހެރިޓޭޖްގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ތާރިގެވެ.

ޗައިނާ ސަރުކާރުގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ޗައިނީސް އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ، ސީއައިޑީސީއޭގެ ވައިސް ޗެއަރމަންއެވެ.

އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއި، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާ ހުންނަވާ ސަފީރު ބައިވެރިވެވަޑައިގެންނެވިއެވެ.



ކިޔުންތެރިންގެ ހިޔާލު