މާލޭގެ 353 ނަންބަރު ކޮށީގައި ހިމެނޭ ބިމަކީ މާލޭ ސިޓީ ކައުންސިލްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ، މާލޭ ހިޔާ ފުލެޓުތައް ހުރި ބިމެއް ކަމަށާއި އެ ބިން ނުވަތަ އެބިމުގެ ބައެއް ޔޫތު މިނިސްޓްރީއަށް ދީފައިވާ ކަމުގެ ލިޔުމެއް ފެންނަން ނެތް ކަމަށް މާލެ ސިޓީކައުންސިލުން ބުނެފިއެވެ.

މާލޭ ސިޓީކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޔޫތު މިނިސްޓްރީއަށް އެ ބިމުގެ އެއްވެސް މިންވަރެއް ދީ އަދި އެ ބިން ހަވާލުކޮށްފައިވެސް ނުވާނެ ކަމަށް އެ މިނިސްޓްރީއަށްވެސް އެނގޭނެ ކަމަށެވެ. އަދި އެ ބިމުގެ އެއްވެސް މިންވަރެއް ޔޫތު މިނިސްޓްރީގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިނުވާއިރު އެއްވެސް ކަމެއްކުރުމަށް އެއްބަސްވުމެއްގެ ދަށުންވެސް އެއްވެސް މިންވަރެއް ހަވާލުކުރިކަމުގެ ލިޔުމެއް ކައުންސިލުގައި ފެންނަން ނެތްކަމުގައިވެސް މާލެ ސިޓީ ކައުންސިލުން ނެރުނު ބަޔާނުގައިވެއެެވެ.

"މާލޭގެ 353 ނަންބަރު ކޮށީގައި ހިމެނޭ ބިމަކީ މާލޭ ސިޓީ ކައުންސިލްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ، މާލޭ ހިޔާ ފުލެޓުތައް ހުރި ބިމެއް ކަމަށްވާއިރު އެބިން ނުވަތަ އެ ބިމުގެ ބަޔެެއް ޔޫތު މިނިސްޓްރީއަށް ދީފަައިވާ ކަމަށް ބުނެ ނެރެފަައިވާ ނޫސްބަޔާނަކީ ކަމުގެ ހަގީގަތް އޮޅުވާލުމުގެ ބޭނުމުގައި ނެރެފައިވާ ނޫސްބަޔާނެއް ކަމަށް ދަންނަވަމެވެ." އިދިކޮޅު ޕީޕިއެމްގެ މެޖޯރިޓީ އޮންނަ މާލޭ ސިޓީކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މިމައްސަލަ އާއި ގުޅިގެން ޔޫތު މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ބިމަކީ ކުޅިވަރުގެ ބޭނުންތަކަށް ޕްލޭނިން މިނިސްޓްރީން 2019 ވަނަ އަހަރުގެ މެއި މަހުގެ 15 ދުވަހު މިނިސްޓްރީއާ ހަވާލުކޮށްފައިވާ ބިމެއް ކަމަށެވެ.

އަދި ބިމުގެ ޑިވޮލޮޕްމެންޓް ކޮންޓްރޯލް ޕްލޭނިން މިނިސްޓްރީން، ހަމަ އެ އަހަރުގެ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު ދީފައިވާއިރު މިދިޔަ އަހަރުގެ ޖެނުއަރި މަހުގެ 16 ވަނަ ދުވަހު ޕްލޭނިން އިން ފޮނުވާފައިވާ ޗާޓުންވެސް އެކަން ސާފުވާން އޮންނާނެ ކަން އެބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މިމައްސަލައިގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ އެމިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ބިމެއްގެ ތެރެއަށްވަދެ އެތަނުގައިހުރި ގުދަނުގެ ތަޅު ހަލާކުކޮށްލާ ގުދަންކޮށްފައި ހުރި އަގުބޮޑު ސާމާނުތައް މާލޭ ސިޓީކައުންސިލުން ގެންގޮސްފައިވާ ކަމަށެވެ. އެމައްސަލަ އެ މިިނިސްޓްރީން މިހާރު ވަނީ ފުލުހުންނަށް ވެސް ހުށައަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު