ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޝްހޫރު ވިޔަފާވެރިޔާ ގާސިމް އިބްރާހިމްގެ ވިލާ ކުންފުނީގެ ދަށުން ހިންގަމުންދާ ސަން އައިލެންޑާއި ޕެރަޑައިސް އައިލެންޑް ރިސޯޓްގެ ނަން ބަދަލުކޮށް ރީބްރޭންޑް ކޮށްފިއެވެ.

ވިލާ ކުންފުނިން ވިލާ ހޮޓެލްސް އެންޑް ރިސޯޓްސްގެ ނަމުގައި ހިންގަމުން ދިޔަ ކުންފުނީގެ ނަން ވިލާ ރިސޯޓްސްއަށް ބަދަލުކުރީ އިއްޔެއެވެ.

މީގެ އިތުރުން ވިލާ ކުންފުނީގެ ދަށުން ހިންގަމުންދާ ދެ ރިސޯޓްގެ ނަން ވެސް ބަދަލުކޮށް އިއްޔެ ރީ ބްރޭންޑްކޮށްފައިވެއެވެ. އެގޮތުން ޕެރަޑައިސް ރިސޯޓްގެ ނަން "ވިލާ ނޮޓިކާ" އަށް އަދި ސަން އައިލެންޑްގެ ނަން "ވިލާ ޕާކް" އަށް ވަނީ ބަދަލުކޮށްފައެވެ.



ވިލާ ކުންފުނީގެ ދަށުން މިހާރު ވެސް ފަސް ރިސޯޓެއް ހިންގައެވެ. އެއީ ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ސަން އައިލެންޑާއި ޕެރަޑައިސްގެ އިތުރުން ފަން އައިލެންޑް ރިސޯޓާއި ހޮލިޑޭ އައިލެންޑް ރިސޯޓާއި ރޯޔަލް އައިލެންޑް ރިސޯޓެވެ.

ވިލާ ކުންފުނިން ހިންގާ ހޮލިޑޭ އައިލެންޑް ރިސޯޓު އެންޑް ސްޕާ އަލުން ތަރައްގީ ކުރުމަށްޓަކައި އެރިސޯޓު ބަންދުކޮށްފައިވާއިރު އެ ރިސޯޓު "ވިލާ ހެވަން" ގެ ނަމުގައި މި އަހަރުގެ ފަހުކޮޅު ހުޅުވަން ވަނީ ނިންމާފައެވެެ.

އޭގެ އިތުރުން ރޯޔަލް އައިލެންޑް ރިސޯޓް އެންޑް ސްޕާގެ ނަން ވިލާ ވިލެޖަށް ބަދަލުކޮށް 2025 ވަނަ އަހަރު ހުޅުވުމަށް އެ ކުންފުނިން ވަނީ ނިންމައިފައެވެ. ވިލާ ކުންފުނިން ބުނީ ފަން އައިލެންޑް ރިސޯޓް އެންޑް ސްޕާ ތަރައްގީކުރުމަށް ފަހު 2027 ގައި ހުޅުވުމަކީ ވެސް އަމާޒެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު