ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވަކިވި ހައެއްކަ މީހުންނަށްވުރެ އެ ޕާޓީއާ އަލަށް ގުޅުނު މީހުން ގިނަ ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރު އަބްދުﷲ ނަވާޒް ރޭ ވިދާޅުވެއްޖެއެވެ.

ނަވާޒު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގައި ގާސިމް އިބްރާހިމް ވާދަކުރައްވާނެ ކަމަށް އިއުލާން ކުރެއްވުމާއެކު، އެޕާޓީގެ ސްލޮޓުތަކުގައި ސަރުކާރުގައި ތިއްބެވި ބައެއް ބޭފުޅުން އިސްތިއުފާ ދެއްވަމުން ގެންދަވާތީ އެކަމަށް އިޝާރަތް ކުރަށްވަމުންނެެވެ. އެކަމާ ގުޅިގެން ގާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރު އަބުދުﷲ ނަވާޒް ވިދާޅުވީ އެ ނިންމެވުން ނިންމެވިއިރު ޖޭޕީގެ ތެރެއިން ބަޔަކު ވަކިވާނެކަން ގާސިމަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އެކަމަކު، ޕާޓީން ދިޔަ ހައެއްކަ މީހުންނަށް ވުރެ ގިނަ އިން އެހެން ޕާޓީތަކުން ޖޭޕީ އާ މެމްބަރުން ގުޅިފައިވާ ކަމަށް ވެސް ނަވާޒް ވިދާޅުވިއެވެ.



"ދިޔަ ހައެއްކަ މީހުންނަށް ވުރެ ގިނަ އިން އެހެން ޕާޓީތަކުން ޖޭޕީ އާއި މެމްބަރުން ގުޅިއްޖެ. އަދި އެ މަސައްކަތް ދަނީ ބާރަށް ކުރިއަށް. ބައްލަވަން ތިއްބަވާ، އިބޫ (ރައީސް ސާލިޙު) ދޫކޮށް ޖޭޕީ އަށް އަންނަނީ ކިތައް މީހުންތޯ،" ކުރީގެ އެކްޓިން ޕޮލިސް ކޮމިޝަނަރުކަން ކުރެއްވި ނަވާޒް ވިދާޅުވިއެވެ.

ރައީސް ސާލިޙަށް ތާއިދު ކުރާކަން ހާމަކުރެއްވުމަށްފަހު ޖުމުހޫރީ ޕާޓީގެ ސްލޮޓްތަކުގައި ވަޒީފާގައި ތިއްބެވި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރާއި އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) އާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމާއި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް ވަނީ ޖުމުހޫރީ ޕާޓީން އިސްތިއުފާ ދެއްވާފައެވެ. މީގެއިތުރުން ޖުމުހޫރީ ޕާޓީގެ އިސްތިއުފާ ދެއްވި ބޭފުޅުންގެ ތެރޭގައި އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު އަދި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާމިނަތު މުހައްމަދު ސަލީމާއި ޗައިނާގައި ހުންނަވާ ރާއްޖޭގެ ޑެޕިއުޓީ އެމްބެސެޑަރު ސޮބާހު ރަޝީދު ވެސް ހިމެނެއެވެ.

އޭގެ ތެރެއިން ބައެެއް ބޭފުޅުން ޖުމުހޫރީ ޕާޓީ ބަދުނާމު ކުރުމަށްފަހު ޕާޓީން އިސްތިއުފާ ދެމުން ގެންދަވާތީ އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ހިތްހަމަނުޖެހުން ފާޅުކުރަށްވާފައެވެ. ގާސިމް ވަނީ ސަރުކާރުގެ މަޤާމުތަކުގައި ތިއްބެވި ޖޭޕީގެ ބައެއް ބޭފުޅުން އެ ބޭފުޅުންގެ މަޤާމު ދިފާޢުކުރެއްވުމުގެ ނިޔަތުގައި ޕާޓީއާއި ޕާޓީގެ ލީޑަރޝިޕް ބަދުނާމު ނުކުރައްވާ ކަމުގެ ހަޤީޤަތާއި އެއްގޮތަށް ވާހަކަ ދެއްކެވުމަށް އެދިވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު