އަހުމަދު މަސްނޫމް   31 މާރިޗު 2023 - 21:17
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމް ވިޔަފާރިކުރާ ކ. މާފުށިން 308 ގޯތި ދޫކުރުމަށް ހުޅުވާލައިފިއެވެ.

މާފުށިން ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ މާފުށިން އަލަށް ހިއްކި ބިމުންނެވެ. އެގޮތުން 2000 އަކަފޫޓުގެ 308 ބަންޑާރަ ގޯތި ދޫކުރުމަށް ނިންމާފައިވާކަމަށް މާފުށީ ކައުންސިލުން ބުނެއެވެ.

މާފުށީ ހިއްކި ބިމުން ގޯތި ބޭނުންވާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި؛

* ރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަގޯއްޗެއް ނުވަތަ އެފަދަ ގޯއްޗަކުން 600 ފޫޓަށްވުރެ ބޮޑު ބައެއް ލިބިފައިވާ މީހަކަށް ނުވުން,

* ސަރުކާރުން ހަދާފައިވާ އިމާރާތެއް ނުވަތަ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައިވާ ފަރާތަކަށް ނުވުން,

* އެފަދަ ތަނެއް އަމިއްލަ ނަމުގައި އޮތްނަމަ އެތަން ދޫކޮށްލާ ނުވަތަ ވިއްކާލާފައިވާތާ 2 އަހަރު ދުވަހަށްވުރެ ގިނަ ދުވަސް ވެފައިވާ ފަރާތަކަށް ވުން ހިމެނެއެވެ.

ކައުުންސިލުން ބުނީ ގޯއްޗަށް އެދި ހުށަހެޅުމަށް ބޭނުންވާ ފޯމް ސަރުކާރުގެ ގެޒެޓުން މިހާރު ޑައުންލޯޑް ކުރެވޭނެކަމަށާއި އަދި މާފުށި ކައުންސިލް އިދާރާއިން އަންނަ އާދިއްތަ ދުވަހުން ފެށިގެން ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:30 އިން 12:30 އާ ހަމައަށް ފޯމް ލިބެން ހުންނާނެކަމަށެވެ.

ފޯމް ބަލައިގަތުން އޮންނާނީ އޭޕްރީލް 9 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 15 ވަނަ ދުވަހާ ހަމައަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:30 އިން 13:00 އާ ހަމައަށް ކަމަށެވެ.

ކ. މާފުށީގެ ބިން ހިއްކުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް އެމް.ޓީ.ސީ.ސީއާ ހަވާލުކޮށް، އެ މަސައްކަތް 2021 އޮކްޓޯބަރުމަހު ވަނީ މުޅިން ނިންމާފައެވެ. މިމަޝްރޫޢުގެ ދަށުން އެރަށު ފަޅުން 25 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ.



ކިޔުންތެރިންގެ ހިޔާލު