ގދ.މަޑަވެއްޔާއި ހޯޑެއްދޫއާ ދެމެދު އަޅާ ބުރިޖުގެ މަސައްކަތް ފަށައިފިއެވެ.

މަޑަވެއްޔާއި ހޯޑެއްދޫ ގުޅާލުމުގެ އާ ޕްލޭން އެކުލަވާލާ މަސައްކަތްތައް ފެށީ މިދިޔަ އަހަރުއެވެ. ކުރިން އެޅި ކޯޒްވޭ މުޅިން ނަގާ، ރަށްތައް ގުޅާލުމަށް ބްރިޖްތަކެއް ހެދުމަށް ވަނީ ނިންމާފައެވެ.

މި މަޝްރޫޢުގެ ދަށުން އެ ދެރަށާއި އެއްފަޅެއްގައި އޮންނަ ދެ ފަޅުރަށް، ކަންނިގިލާ އާއި ހާދޫވެސް ގުޅާލުމަށް ވަނީ ނިންމާފައެވެ.

ގދ. މަޑަވެއްޔާއި ހޯޑެއްދޫ ބްރިޖުން ގުޅާލުމުގެ މަޝްރޫއު ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީންނެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި އަމަލީ ފެށިއިރު އެންމެ ފުރަތަމަ ކުރިއަށްގެންދިޔައީ މަޑަވެއްޔާއި ހޯނޑެއްދޫ އަދި، ދެ ފަޅުރަށުގެ ކޯޒްވޭއަށް ބޭނުންވާ މަގުތައް ސާފުކުރުމުގެ މަސައްކަތެވެ.

އެމްޓީސީސިން ބުނީ މިދިޔަ ބުދަ ދުވަހު ރަށްތައް ދެމެދުގައި އަޅާ ބްރިޖްތަކުގެ ޢަމަލީ މަސައްކަތް ފަށާފައިވާކަމަށެވެ.

އެންމެ ފުރަތަމަ ފަށާފައިމިވަނީ ހޯނޑެއްދުއާއި ކަންނިގިއްލާއާއި ދެމެދުގައި އަޅާ ބްރިޖްގެ ފައުންޑޭޝަންގެ މަސައްކަތްކަމަށާއި މި ބްރިޖްގެ ތަނބުތައް ޖެހުމުގެ މަސައްކަތްކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ބްރިޖްތައް ތަރައްޤީކުރަނީ ހެވީ ވެހިކަލް ދުއްވުމަށްވެސް ބޭނުންކުރެވޭ ފެންވަރަށްކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫޢުގެ ދަށުން 260 މީޓަރުގެ ސަރަޙައްދެއްގެ ގޮނޑުދޮށް ޙިމާޔަތްކުރުމާއި، ބްރިޖުގެ 2544 ކިއުބިކް މީޓަރުގެ ސެގްމަންޓް ކޮންކްރީޓް މަސައްކަތް ކުރުން ހިމެނެއެވެ. އަދި 4596 އަކަ މީޓަރުގެ ސަރަޙައްދުގައި ތާރު އަޅާ، 1378 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވިންގ ހެދުމުގެ މަސައްކަތް ހިމެނެއެވެ.

މީގެ އިތުރުން ރެއިލިންގ އަދި މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ކުރެހުންވެސް މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ. މުޅި މި މަޝްރޫޢަށް 84.17 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން