އަހުމަދު ޔާމިން   12 މާރިޗު 2023 - 14:18
ޤާނޫނީ މަފްޙޫމްގެ ގޮތުގައި ފާހަގަކޮށްލެވޭ ބައިތަކުގެ ތެރޭގައި ޤާނޫނީ ޝަޚްސާއި، ޤާނޫނީ ތަޞައްރަފް ލިބިގެންވުމާއި، ޙައްޤުތަކާއި، އިޖްތިމާޢީ މަޞްލަޙަތާއި، ޤާނޫނީގޮތުން އުފުލާންޖެހޭ އިލްތިޒާމްތަކާއި، ޤާނޫނީގޮތުން ތަންޒީމުކުރާ ގުޅުންތައް ހިމެނެއެވެ.

ޤާނޫނީ ޝަޚްޞު ދެގޮތަކަށް މާނަކުރެވެއެވެ. ފުރަތަމަ ގޮތަކީ ޤާނޫނީގޮތުން އިންސާނުންނަށް ނިސްބަތްކުރެވޭ ޠަބީޢީ ޝަޚްޞެވެ. ޤާނޫނީ ޢިލްމުވެރިންގެ ބަހުންނަމަ ނެޗުރަލް ޕާރސަންއެވެ. މި މީހުންނަށް އަމިއްލަ ނަމުގައި ދަޢުވާކުރުމާއި، ދަޢުވާ ލިބިގަތުމާއި، މުދާހޯދުމާއި، ވިއްކުންފަދަ ޙައްޤުތައް ލިބިގެންވެއެވެ. އަދި އިންސާނުންނަށް ޤާނޫނީގޮތުން ލިބިގެންވާ ޙައްޤުތަކާއި ވާޖިބުތައް އެމީހުންގެ ޢުމުރާއި ގުޅިގެން ތަފާތުވެއެވެ.

ޤާނޫނީ ޝަޚްސުގެ ދެވަނަ ވައްތަރަކީ ޤާނޫނީ މަސްނޫޢީ ފަރުދުން ނުވަތަ ޤާނޫނަކުން މަސްނޫޢީ ގޮތެއްގައި އުފައްދާ ފަރުދުން ނުވަތަ ޝަޚްޞުންނެވެ. މިސާލަކަށް ކައުންސިލްތަކާއި، ދަޢުލަތުގެ މުއައްސަސާތަކާއި، ކުންފުނިތަކާއި، ކްލަބް ޖަމްޢިއްޔާފަދަ ޤާނޫނުގައި ބަޔާންވެގެންވާ ގޮތެއްގެ މަތިން ދަޢުވާކުރުމާއި، ލިބިގަތުމާއި، މުދާހޯދުމާއި، މިލްކުކުރުމުގެ ޙައްޤު ޤާނޫނީގޮތުން ލިބިގެންވާ ތަންތަން ހިމެނެނީ މި ބައިގެ ތެރޭގައެވެ.

އެންމެފުޅާ ދާއިރާއެއްގައި ޤާނޫނީ ތަޞައްރަފް ލިބިގެންވަނީ ފުރާފުރިހަމަވެ ބާލިޢުވެފައިވާ އިންސާނާއަށެވެ. އެހެންނަމަވެސް އިންސާނުންގެ ތެރެއިން ބުއްދިހަމަނުޖެހޭ މީހުންނާއި، އަޅުންނާއި ކުޑަކުދިންނަށް ޤާނޫނީ އަހްލިއްޔާ ލިބިގެނެއް ނުވެއެވެ. އަދި ޤާނޫނަކުން ދީފައިވާ މިންވަރެއްގެ މައްޗަށް ކުންފުނިތަކާއި، ކްލަބްތަކާއި، މުއައްސަސާތަކަށް ލީގަލް ކެޕޭސިޓީ ލިބިގެންވެއެވެ.

ޤާނޫނީގޮތުން ލިބިދޭ ޙައްޤުތައް މައިގަނޑު ދެބަޔަކަށް ބަހާލެވެއެވެ. އެއީ މާތްﷲގެ ޙަޟްރަތުން ލިބިދެއްވާފައިވާ ޙައްޤުތަކާއި، ޤާނޫނުން ލިބިދޭ ޙައްޤުތަކެވެ. މީގެ ތެރޭގައި މީހެއްގެ ކިބައިން ނިގުޅައިނުގަނެވޭނޭ ޙައްޤުތަކާއި، އިންސާނީ ޙައްޤުތަކާއި، ޤާނޫނީ ޙައްޤުތަކާއި، އިޖްތިމާޢީ ޙައްޤުތަކާއި، ސަޤާފީ އެކިއެކި ޙައްޤުތައް ހިމެނެއެވެ. މާތްﷲ ސުބްޙާނަހޫ ވަތަޢާލާ ދެއްވާފައިވާ ޙައްޤެއް އެއްވެސް މީހަކަށް ނިގުޅައެއް ނުގަނެވޭނެއެވެ. ހަމަ އެފަދައިން ޤާނޫނަކުން މީހަކަށް ނުވަތަ ބަޔަކަށް ލިބިދީފައިވާ ޙައްޤެއް އެހެން އެއްވެސް މީހަކަށް ނިގުޅައެއް ނުގަނެވޭނެއެވެ.

ޙައްޤުގެ ވާހަކަ ޢިލްމީގޮތުން ފުރަތަމަ ދެކެވިފައިވަނީ އިސްލާމީ ޝަރީޢަތުގައެވެ. އެގޮތުން ކީރިތި ރަސޫލާގެ ހަދީޘް ބަސްފުޅު ތަކުގައި މީސްތަކުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް އަންގަވާފައިވެއެވެ. އިސްލާމްދީނުގައި ޙައްޤުތައް ވަނީ ތަފާތުބައިތަކަށް ބަހާލާފައެވެ. އެގޮތުން ﷲގެ ޙައްޤުތަކާއި، އާންމު ފަރުދުންގެ ޙައްޤުތަކާއި އަދި މައިންބަފައިނާއި ދަރިންގެ ޙައްޤުތަކުގެ ވާހަކަ އިސްލާމްދީނުގައި އަންގަވާފައިވެއެވެ.

ޤާނޫނު ތަންފީޛު ކުރުމުގައި އެޤާނޫނަކީ އެތަނެއްގެ ޢުރުފާއި އާދަކާދަޔާއި ދީނީ އިއުތިޤާދަށް ފުށުނާރާ ޤާނޫނެއްކަން ކަށަވަރު ކުރަން ޖެހެއެވެ. ހަމައެއާއެކު ތަނުގެ ޞުލްހަޔާއި މަޞްލަހަތު ރައްކާތެރިކޮށްދިނުމާއެކު މުޖުތަމައުގެ ހަމަޖެހުން ގެނުވައިދޭފަދަ ގޮތަކަށް އެކަށައެޅިފައިވާ ހުރިހާ ޤާނޫނަކަށް ބޯލަބާ ކިޔަމަންވެ އެޤާނޫނު ތަންފީޛު ކުރުމަކީ ފަރުދީ ވާޖިބެކެވެ. އަދި އެއީ އެމުޖުތަމައުގައި އުޅޭ އެންމެހާ ފަރުދުންގެ ޒިންމާއެކެވެ.

~ނުނިމޭ~


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން