ކުރީގެ ރައީސް ޔާމީން އަބުދުލްގައްޔޫމްގެ މައްޗަށް އަވަސް ހުކުމްތަކެއް ކުރަނީ އެމަނިކުފާނުގެ ހައްގުތައް ގެއްލުވާލަން ވެގެން ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ތުހުމަތުކޮށްފިއެވެ.

ޕީޕީއެމް/ޕީއެންސީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް ޔާމީންގެ އިންތިހާބީ ހައްގުތައް ނިގުޅައިގަނެ، އެމަނިކުފާނަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ދޮރުތައް ބަންދު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދިއުމަކީ ދިވެހި ރައްޔިތުން އިންތިހާއަށް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.

އެގޮތުން ޔާމީންގެ މައްޗަށް ސިޔާސީ ގޮތުން މައްސަލަތައް އުފަންކޮށް، ދައުވާ އުފުލާ އަވަސް އަރުވާލައިގެން ހުކުމް ޖެހުމަށް ޝަރުއީ ނިޒާމަށް އަތް ބާނައި ކޯޓުތަކަށް ސިޔާސީ ނުފޫޒު ފޯރުވަމުން ގެންދާ ކަމީ ދިވެހި ރައްޔިތުން ގަބޫލުކުރާ ކަމެއް ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.



މީގެ އިތުރުން ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ފުރަތަމަ ހުކުމަކީ ވެސް ހައްގު ނޫން ހުކުމެއް ކަން އިސްތިއުނާފް މަރުހަލާގައި ކަން ހިނގައިދިޔަ ގޮތުން އެނގެން އޮންނަ ކަމަށް އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނުގައިވެއެވެ.

މީގެ އިތުރުން މިހާރު ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވާ މައްސަލައަކީވެސް ސިޔާސީ ނުފޫޒުން ކޮށްފައިވާ "ހަރާން ހުކުމެއް" ކަން ސަބަބުވެރި އިންސާނެއްގެ ސިކުނޑިއަށް ވިސްނޭނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެއެވެ.

"އެންމެ ފަހުން ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް އިސްތިއުނާފީ މަރުހަލާ އިން ބާތިލްވެގެން ދާނެ ކަމަށް ސަރުކާރަށް ވެސް ގަބޫލު ކުރެވެން ފެށުމާއެކު އިތުރު ދައުވާއެއް އެމަނިކުފާނުގެ މައްޗަށް އުފުލައި އަވަސް އަރުވާލައިގެން ހުކުމް ޖެހުމަށް މަސައްކަތް ކުރުމަކީ މި ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ އިންތިހާބީ ހައްގުތަކަށް އަރައިގަނެ، އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރުމަށް އޮތް ފުރުސަތު ބަންދު ކުރުމަށް ކުރަމުން ގެންދާ މަސައްކަތެއްކަން ސަބަބުވެރި އިންސާނެއްގެ ސިކުނޑިއަކުން ވިސްނާއިރު ގަބޫލު ކުރެވެއެވެ." އިދިކޮޅުން ނެރުނު ބަޔާނުގައި ބުންޏެވެ.

ޕީޕީއެމް/ޕީއެންސީން ނެރުނު ބަޔާނުގައި ޔާމީންގެ އިންތިހާބީ ހައްގުތަކަށް އަރައިގަތުމަށް ކުރަމުން ގެންދާ މަސައްކަތާއި އުފުލާފައިވާ ދައުވާތަކަށް އަވަސް އަރުވާލައިގެން ހުކުމް ކުރުމަށް ކުރެވޭ ސިޔާސީ މަސައްކަތްތައް ހުއްޓާލުމަށް ވަނީ ގޮވާލާފައެވެ.

ހަމައެއާއެކު ހައި ކޯޓުގައި އިސްތިއުނާފް ކުރެވިފައިވާ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް އަވަސްކޮށްދިނުމަށް ވެސް އެބަޔާނުގައި އިދިކޮޅު ކޯލިޝަނުން ވަނީ ގޮވާލާފައެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގައި ހިމެނޭ ވ. އާރަށް މައްސަލާގައި މަނީ ލޯންޑްރިންއާއި ރިޝްވަތުގެ ކުށް ސާބިތުވެ، ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި ފަސް މިލިއަން ޑޮލަރުން ވަނީ ޖޫރިމަނާކޮށްފައެވެ. މިމައްސަލައިގެ އިތުރުން ފުއްގިރި ކުއްޔަށް ދޫކުރުމުގައި ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ހޯއްދަވައި، އެ ފައިސާ ލޯންޑާކުރި ކަމަށް ބުނާ މައްސަލައިގެ ދައުވާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި މިހާރު ދަނީ ހިނގަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު