އިންޓަނެޓް ބޭންކިން އެޕްލިކޭޝަން ބޭނުންކޮށްގެން ކިއުއާރު ކޯޑް ސްކޭން މެދުވެރިކޮށް ދެ ލައްކަ އަށްވުރެ ގިނަ ރުފިޔާގެ މުދާ ގަނެފައިވާ މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ މި މައްސަލައިގައި މިދިޔަ ހޮނިހިރު ދުވަހު ހައްޔަރު ކުރީ 25 އަހަރުގެ ފިރިހެނަކާއި 27 އަހަރުގެ ފިރިހެނަކު ކަމަށެވެ. އެ ދެ މީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި މައްސަލަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. މި މުއާމަލާތް ކުރީ ކޮން ބޭންކަކުން ކަމެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެެވެ.

ނަމަވެސް ބީއެމްއެލުން މޮބައިލް ވޮލެޓް ތައާރަފްކުރި ފަހުން ކިޔޫ އާރް ކޯޑް ބޭނުންކޮށްގެން އެބޭންކްގެ ބައެއް ކަސްޓަމަރުންގެ އެކައުންޓް ތަކުން ބޮޑެތި އަދަދުތަކުން ވައްކަން ކުރަމުންދާ މައްސަލަތަކެއް މިފަހަކުން ވެސް ވަނީ ފެންމަތިވެފަ އެވެ.

މިފަދަ މައްސަލަތައް ފެންމަތިކޮށް އާންމުންގެ ފާޑުކިއުން ބޭންކަށް އަމާޒުވުމުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މޯބައިލް ވޮލެޓް މެދުވެރިކޮށް ކިއުއާރު ކޯޑް ބޭނުން ކޮށްގެން ކުރެވޭ މުއާމަލާތްތަކަށް އެ ބޭންކުން މިހާރު ވަނީ ބަދަލުތަކެއް ގެނެސްފައެވެ.

އެގޮތުން ކިއުއާރު ކޯޑު ބޭނުން ކޮށްގެން މޯބައިލް ވޮލެޓުން މުއާމަލާތް ކުރެވޭ އެންމެ މަތީ އަދަދަކީ 750ރ. ކަމަށް ބޭންކުން ވަނީ ހަމަޖައްސާފައެވެ. މީގެ ކުރިން މޯބައިލް ވޮލެޓްއިން ކިއުއާރު ބޭނުން ކޮށްގެން މުއާމަލާތް ކުރުމަށް ވަކި ވަރެއް ނޯވެއެވެ.



ކިޔުންތެރިންގެ ހިޔާލު