އިބްރާހިމް ފަހީމް   21 ފެބްރުއަރީ 2023 - 16:17
ކުރީގެ ރައީސް ޔާމީނަށް ކޮށްފައިވާ ޖަލު ހުކުމް މިއަދު އިސްތިއުނާފު ކޮށްފިއެވެ.

މިކަން ހާމަކުރައްވާ ރައީސް ޔާމީންގެ ވަކީލު ޢަބްދުﷲ ސިޔާޒް މިއަދު ވިދާޅުވީ، ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމްތައް ބާތިލު ކުރުމަށް މިއަދު ކޯޓަށް ހުށަހަޅާފައިވާ ކަމަށާއި، ކްރިމިނަލް ކޯޓުން އެމަނިކުފާނާއިމެދު އިއްވި ދެ ހުކުމްގައި ވެސް ގަބޫލުކުރަން ދަތި ގޯސްތަކެއް ހަދާފައިވާ ކަމަށެވެ. އަދި ޔާމީނަށް ކޮށްފައިވާ ދައުވާތަކަކީ ގާނޫނީ ހަމައެއްނެތް ސިޔާސީ ދައުވާ ތަކެއްކަމަށް ވެސް ސިޔާޒް ވަނީ ވިދާޅުވެފައެވެ.

މިކަން ހާމަ ކުރައްވަމުން ދިފާއީ އިސް ވަކީލު ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވީ، ރާއްޖޭގައި ރޫލް އޮފް ލޯ ނެގެހެއްޓޭނީ ސަރުކާރުގެ ނުފޫޒުން މިނިވަން ވެފައިވާ ޖުޑިޝަރީއެއް އޮވެގެން ކަމަށާއި ވަކި ހުކުމެއް ކުރާތީ ފަނޑިޔާރުންނަށް ޕްރޮމޯޝަން ދިނުމާ އޯޑިއޯތައް ލީކުވުންފަދަ ކަންތައް ގޯސް ކަމަށެވެ.

މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ރައީސް ޔާމީންގެ މައްޗަށް ވަނީ މަނީ ލޯންޑަރ ކުރުމާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށް ސާބިތުވެ 11 އަހަރުގެ މުއްދަތަށް ޖަލަށްލާން ހުކުމް ކޮށްފައެވެ. އޭގެފަހުން ގިނަ ދުވަސްތަކެއް ވީނަމަވެސް، ހުކުމްތައް އޮތީ އިސްތިއުނާފަށް ހުށަނާޅައެވެ.

ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން މީގެ ކުރިން ބުނެފައިވަނީ އިސްތިއުނާފަށް ހުށަހަޅާނީ، އެކަމުގައި ދިރާސާ ކުރަންޖެހޭ ކަންކަން ދިރާސާ ކުރުމަށް ލިބޭ އެންމެ ގިނަ ވަގުތު ބޭނުން ކުރުމަށްފަހު ކަމަށެވެ.

އަދި އިސްތިއުނާފް މަރުހަލާގެ ޝަރީއަތްތައް ކުރިއަށްދާއިރު، ފަނޑިޔާރު ހެއްދެވި ގޯސްތައް ހާމަ ކުރައްވާނެ ކަމަށާއި އެގޮތުން ކްރިމިނަލް ކޯޓުގެ ހުކުމްގައި، ޔާމީން މަގާމުގެ ނުފޫޒު ފޯރުވުމަށް އިރުޝާދު ދެއްވި ގޮތެއް ހާމަކުރައްވާފައި ނުވާ ކަމަށާއި ދިފާއުން ހުށަހެޅި ހެކިތަކަށް ބާރު ނުދޭންވީ ސަބަބުތަކެއް ވެސް ހުކުމްގައި ސާފްކޮށްދީފައިނުވާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ޓީމުންވަނީ ބުނެފައެވެ.

އެހެންކަމުން، އިސްތިއުނާފު މަރުހަލާގައި ރައީސް ޔާމީން މިނިވަންވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތްކަމަށް ގާނޫނީ ޓީމުންވަނީ މީގެ ކުރިން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު