ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމާއި އުއްތަމަ ފަނޑިޔާރުކަމުގައި މިހާތަނަށް ހޭދަކުރެއްވި މުއްދަތުގެ ތެރޭގައި ވަކީލެއްގެ ފަރާތުން އިހްތިރާމް ކުޑަކުރުމުގެ އަމަލެއް ދުވަހަކުވެސް ދިމާވެފައިނުވާކަމަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ފަރާތުން ބޭއްވި، ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަދިނުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

އުއްތަމަ ފަނޑިޔާރުގެ ވާހަކަފުޅުގައި ވިދާޅުވީ އަދުލް އިންސާފު ގާއިމްކުރުމުގައި ހަރަކާތްތެރިވާ މީހުންނަކީ ޒިންމާ ބޮޑު ބައެއްކަމަށެވެ.

"ފަނޑިޔާރެއްކަމަށް ވިޔަސް، ގާނޫނީ ވަކީލަކަށްވިޔަސް އަޅުގަނޑުމެން ކުރާ މަސައްކަތަކީ ގާނޫނުގެ ބާރާއި ގާނޫނުގެ ވެރިކަން ނެގެހެއްޓުން." އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ގާނޫނީ ފަންނު ކުރިއަރުވައި ތަރައްގީކުރުމަކީ އެންމެންގެ ޒިންމާއެއްކަމަށެވެ. އަދި ގާނޫނީ ވަކީލުންނަކީ އެއް ބަޔަކު އަނެއް ބަޔަކަށް އިހްތިރާމްކުރާ ބަޔަކަށް ވާންޖެހޭކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ފުރިހަމަކަމާއެކު ފަނޑިޔާރުކަން ކުރެވޭނީ ވަކީލުންގެ ފުރިހަމަ އެއްބާރުލުން ފަނޑިޔާރުންގެ ބެންޗަށް ލިބިގެންކަމަށެވެ. އަދި އެމަނިކުފާނު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމާއި އުއްތަމަ ފަނޑިޔާރުކަމުގައި މިހާތަނަށް ހޭދަކުރެއްވި މުއްދަތުގެ ތެރޭގައި ވަކީލެއްގެ ފަރާތުން އިހްތިރާމް ކުޑަކުރުމުގެ އަމަލެއް ދުވަހަކުވެސް ދިމާވެފައިނުވާކަމަށް ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރުގެ ވާހަކަފުޅުގައި ވަނީ ކުރީގެ ފަނޑިޔާރުންގެ ތަޖުރިބާ އަލަށް ދާއިރާއަށް ނިކުންނަ ވަކީލުންނަށް ހިއްސާކޮށްދީ، އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް އެދިވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު