އިންތިހާބުތަކާއި ގުޅޭގޮތުން މިހާރު އަމަލުކުރަމުންދާ ބައެއް އުސޫލުތަކަށް ބަދަލު ގެނައުމަށް އިންތިހާބުތަކާބެހޭ ޢާއްމު ޤާނޫނަށް މުހިއްމު އިސްލާހުތަކެއް ހުށަހަޅައިފިއެވެ.

އިންތިހާބުތަކާބެހޭ އާއްމު ޤާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޢިއްޒުއެވެ.

މި ބިލުގެ ފުރަތަމަ ކިއުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވާފައިވާއިރު، މި ބިލުގައި މުހިއްމު އިސްލާހުތަކެއް ވަނީ ހުށަހަޅާފައެވެ.

އިންތިހާބުތަކާބެހޭ އާއްމު ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ކެނޑިޑޭޓުންގެ މާލީ ބަޔާން ހުށަހަޅާ މުއްދަތު ވަނީ 21 ދުވަހުން 1 މަސް ދުވަހަށް އިތުރުކޮށްފައެވެ.

މީގެ އިތުރުން ރަސްމީ އިންތިޚާބީ އެޖެންޓު މަރުވުން، އިސްތިއުފާ ދިނުން ނުވަތަ ވަކިކުރުމުން އެކަން އިލެކްޝަނަށް އަންގަންޖެހޭ މުއްދަތަށްވެސް ވަނީ ބަދަލުގެނައުމަށް ނިންމާފައެވެ. ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ މިފަދަ ހާލަތެއްގައި ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި އެކަން އިލެކްޝަނަށް އެންގުމަށް އިސްލާހު ހުށަހަޅާފައެވެ.

އިންތިހާބުތަކާބެހޭ އާއްމު ޤާނޫނަށް ހުށަހަޅާފައިވާ އެހެން އިސްލާހުތަކުގެ ތެރޭގައި މަރުކަޒަކަށް ވޯޓު ލުމަށް ރަޖިސްޓްރީ ވެފައިވާ މީހުންގެ އަދަދު 100 މީހުންނަށްވުރެ މަދުނަމަ ގިނަވެގެން އިތުރު އެއްވޯޓު ކަރުދާސް ފޮނުވުން ހިމެނެއެވެ. ޤާނޫނުގައި މިހާރު ބުނަނީ ވޯޓުލާ މަރުކަޒަކަށް ރަޖިސްޓްރީވެފައިވާ މީހުންގެ އަދަދު އެއް ޕަސެންޓަށްވުރެ އިތުރުނުވާ އަދަދެއްގެ ވޯޓުކަރުދާސް ފޮނުވަން ވާނެކަމަށެވެ.

މީގެއިތުރުން ވޯޓު ގުނާ ސަރަހައްދާއި ވޯޓުލާ މަރުކަޒުތަކުގައި މޮނިޓާކުރުމަށް ހަރަކާތްތެރިވެވޭނީ އިލެކްޝަނުން ހުއްދަދޭ އަދި ރަޖިސްޓްރީކޮށްފައިވާ ނޫސްވެރިންނަށް އެކަނިކަމަށް ހެދުމަށްވެސް އިސްލާހުގައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު