ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ގޮސް މީހުން މަރުވަމުންދާތީ ބްރެޒީލްގެ ސަނއު ޕައުލު ސްޓޭޓްގެ އައްސޭރިފަށުގެ ފަސް ރަށެއްގައި ކުއްލި ހާލަތު އިއުލާނުކޮށްފިއެވެ. މި ހާދިސާތަކުގައި މިހާތަނަށް 36 މީހަކު މަރުވެ އެތައް ސަތޭކަ ބައެއްގެ ގެދޮރުގެއްލިފައިވެއެވެ.

އާދީއްދަ ދުވަހު ޓީވީތަކުންނާއި މީސްމީޑިއާއިން އާއްމުވެފައިވާ ވީޑިއޯތަކުން ސަނއު ޕައުލު ސްޓޭޓްގެ ރަށެއް ކަމުގައިވާ ސަނއު ސެބަސްޓިއައުނގެ އަވަށްގަނޑުތައް ހުރި ގޮތަށް ފެނުއަޑީގައިވާ މަންޒަރާއި، ފަރުބަދައިގެ ކައިރިފަށުގައި ހުރި ގެތައް ރޫޅި ކުންޏަށްވެގެން ޗަކަފެންގަނޑާއެކީ ދެމިގެންދާ މަންޒަރާއި، ހައިވޭތަކުގައި ފެންބޮޑުވެ، މަގުތަކުގައި ހުރި އުޅަނދުތަކުގެ މައްޗަށް ގަސްތައްވެއްޓި ގެއްލުންވެފައިވާ މަންޒަރު ފެނެއެވެ.

ބްރެޒިލްގެ އެންމެ ބައިބޯ ސިޓީ ކަމަށްވާ ސަނއު ޕައުލު ސިޓީގެ އުތުރުން 200 ކިލޯމީޓަރު (124 މޭލު) ދުރުގައި އޮންނަ ސަނއު ސެބަސްޓިއައުނއަކީ މި ހާދިސާގައި އެންމެ ބޮޑަށް ގެއްލުން ލިބުނު އެއް ރަށެވެ. އައްސޭރިފަށުގައި އޮންނަ މި ރަށަކީ ސައުނ ޕައުލުގެ ގިނަ ބަޔަކު ޗުއްޓީ ހޭދަކުރުމަށް ގޮސް އުޅޭ ރަށެކެވެ. އޮފިޝަލުން ބުނެފައިވާ ގޮތުން އެރަށަށް 24 ގަޑިއިރު ވަންދެން 600 މިލިމީޓަރަށް ވާރޭވެހިފައިވެއެވެ. އަދި މިއީ ރިކޯޑު އަދަދެއް ކަމަށް ފާހަގަކުރެވިފައިވެއެވެ.

މި ހާދިސާއާ ގުޅިގެން ސަނއު ޕައުލު ސްޓޭޓްގެ ގަވަރުނަރު ތަރްސީސިއު ދި ފްރެތަސް ވަނީ ސަނއު ސެބަސްޓިއައުނ ހިމެނޭ ގޮތަށް އެ ސްޓޭޓް އައްސޭރީގައި އޮންނަ ފަސް ރަށެއްގައި ކުއްލި ހާލަތު އިއުލާންކޮށްފައެވެ. އެ ސްޓޭޓްގެ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި މި ހާދިސާގައި މިހާތަނަށް 566 މީހެއްގެ ގެދޮރު ނެތިފައިވެއެވެ.

ގެއްލުމުގެ ކުޑަބޮޑުމިން އަދި ވަޒަންކޮށްލެވިފައިވާ ނުވާކަމަށާއި މިވަގުތު ކުރެވެމުންދާ މަސައްކަތަކީ މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކަމަށާއި، އެރަށުގެ ހާލަތު ވަރަށް ނާޒުކުކަމަށް ސަނއު ސެބަސްޓިއައުނގެ މޭޔަރު ފިލީޕީ އޮގޫސްތުއާ ހަވާލާދީ އަލްޖަޒީރާއިން ޚަބަރުދީފައިވެއެވެ.

އަލިފާން ނިއްވާ 100 އަށްވުރެ ގިނަ މީހުންނާއެކީ ގިނަ ބަޔަކު އަންނަނީ މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން ޗަކަ ފެންގަނޑުގެ ތެރޭގައި ބެހެމުން ދިޔަ ދެ އަހަރުގެ ތުއްތުކުއްޖަކާއި، މާބަނޑު އަންހެނަކު ސަލާމަތްކޮށްފައިވާ ކަމަށް ކަމާއިބެހޭ ފަރާތްތަކުން މައުލޫމާތު ދީފައިވެއެވެ.

މޫސުން ލަފާކުރާ ގޮތުން ސަނއު ޕައުލު ސްޓޭޓްގެ އައްސޭރިފަށަށް އަދިވެސް ބޯކޮށް ވާރޭވެހޭނެއެވެ. މިކަމުގެ ސަބަބުން މީހުން ސަލާމާތްކުރުމުގެ މަސައްކަތަށް އިތުރު ގޮންޖެހުންތައް ކުރިމަތިވާނެއެވެ. އަދި ހަމަ އެހެންމެ މަރުވާ މީހުންގެ އަދަދު އިތުރުވުމުގެ ފުރުސަތު ވެސް ބޮޑުވާނެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ގަޑިއަކު 55 ކިލޯމީޓަރު (34 މޭލު) ގެ ބާރުމިނުގައި ޖެހެމުން ދިޔަ ވަޔާއި، ކަނޑުގެ ރާޅުތައް އެއް މީޓަރަށް އުފުލުމުގެ ސަބަބުން ދެކުނު އެމެރިކާގެ އެންމެ ބޮޑު ވިޔަފާރި ބަނދަރުކަމަށްވާ ސަންތުސްގެ މަސައްކަތްތައް ހުއްޓާލަންޖެހުނު ކަމަށް ވެސް ޚަބަރު ލިބިފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު