ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ ބައްދަލުކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް އެމަނިކުފާނުގެ ތާއިދު ހޯދުމަށް މަޝްވަރާކުރުުމަށް ކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.

ޖުމުހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާއި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ މުހައްމަދު އަސްލަމާއި މެމްބަރު އަލީ ނިޔާޒް ރޭ ވަނީ ބައްދަލު ކުރަށްވާފައެވެ. އެބައްދަލުވުން ކުރިއަށް ގެންދިޔައީ ގާސިމްގެ އަމިއްލަފުޅު ރިސޯޓެެއް ކަމަށްވާ ސަން އައިލެންޑް ރިސޯޓުގައެވެ.

އެ ބައްދަލުވުމާއި ގުޅޭގޮތުން "ރަސްއޮންލައިން" އަށް މިއަދު މައުލޫމާތު ދެެއްވަމުން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ މުހައްމަދު އަސްލަމް ވިދާޅުވީ އެބައްދަލުވުމަކީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްްޑީޕީގެ ޓިކެޓްގައި ވާދަކުރަށްވާ ރައީސް އިބްރާހިމް މުހައްމަދު ސާލިޙަށް ގާސިމްގެ ތާއިދު ހޯއްދެވުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވެވި ބައްދަލުވުމެއް ކަމަށެވެ. އަދި އެބައްދަލުވުމަކީ ވަރަށް ރަނގަޅަށް ކުރިއަށް ގެންދިޔަ ބައްދަލުވުމެއް ކަމަށް އަސްލަމް ވިދާޅުވިއެވެ.

އެބައްދަލުވުމުގައި ގާސިމްގެ ފަރާތްޕުޅުން ދެކެވުނު ވާހަކަތަކުގެ ތަފްސީލާއި ގުޅޭގޮތުން ސުވާލު ދެންނެވުމުން އަސްލަމް ވިދާޅުވީ އެމައުލޫމާތު "މިވަގުތު ހާމަކުރެވެން ނެތް" ކަމަށެވެ. އަސްލަމް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ރައީސް ސާލިޙަށް ތާއިދު ހޯދުމާއި ގުޅޭގޮތުން އިތުރު ބޭފުޅުންނާއި ވެސް މަޝްވަރާކުރަށްވާނެ ކަމަށެވެ.

"ރައީސަށް ހުރިހާ ބޭފުޅުންގެ ތާއިދު ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ވެސް ކުރަމުންދާނަން، ހުރިހާ ބޭފުޅުންގެ ތާއިދު ވެސް ބޭނުން ފުރަތަމަ ބުރުގައި ރިޔާސީ އިންތިޚާބު ރައީސް ސޯލިހް ކާމިޔާބުކުރުމަށް،" އަސްލަމް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީއަކީ މިހާރު ހިނގަމުންދާ ކޯލިޝަން ސަރުކާރުގައި ވެސް ހިމެނޭ ޕާޓީއެކެެވެ. މިހާރު އަމަލު ކުރަމުންދާ އައު ގާނޫނު އަސާސީގެ ދަށުން އުފެދުނު ތިން ސަރުކާރުވެސް އުފެދުނީ ޖުމްހޫރީ ޕާޓީ ހިއްސާވާ ކޯލިޝަނަކުން ކަން ފާހަަގަކޮށްލެވެއެވެ. ރިޔާސީ އިންތިޚާބަށް ކޯލިޝަނަކާއެކު ނިކުމެވަޑައިގަތުމަށް ރައީސް ސާލިޙުގެ ފަރާތްޕުޅުން މަސައްކަތް ފައްޓަވާފައިވާއިރު ދާދިފަހުން އެޕާޓީގެ ގައުމީ މަޖިލީހުން ވަނީ ކޯލިޝަން ހެދުމުގެ ބާރު ރައީސަށް ދިނުމަށް ފާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު