ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ވޯޓްދޭންވީ ސަބަބު ނުފެންނަނީ ބައެއް މީހުން ލޯ އަނދިރިވުމުންކަމަށް ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު (ރާޑޯ) ވިދާޅުވެއްޖެއެވެ.

ރާޑޯ މިހެން ވިދާޅުވީ ރައީސް ސާލިހަށް ވޯޓް ދިނުމާއި ދެކޮޅަށް ރައީސް ނަޝީދަށް ތާއީދުކުރައްވާ މެމްބަރުން ދައްކަވާ ވާހަކަތަކާއި ގުޅިގެނެވެ.

ރާޝިދު ވިދާޅުވީ މުޅި ރާއްޖެ ބަދަލުކޮށްލާ ރައްޔިތުން ހެއްވާލީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުކަމަށެވެ. އަދި ރައީސް ސާލިހަށް ވޯޓްލާންވީ ސަބަބު ނުފެންނަނީ އަމިއްލަ އެދުން ބޮޑުވެ، ލޯ އަނދިރިވެފައި ތިބީމާ ކަމަށްވެސް ރާޝިދު ވިދާޅުވިއެވެ.

ރާޝިދު ވަނީ ރައީސް ނަޝީދުގެ ފެކްޝަނުން ބަލި ގަބޫލުކޮށް، ރައީސް ސާލިހާއެކު ކުރިއަށްދާން ގޮވާލައްވާފައެވެ.

"މުޅި ރާއްޖެ ބަދަލުކޮށްލާ ރައްޔިތުން ހެއްވާލީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު. ރައީސް ސާލިހަށް ވޯޓްލާންވީ ސަބަބު ނުފެންނަނީ އަމިއްލަ އެދުން ބޮޑުވެ، ލޯ އަނދިރިވެފައި ތިބީމަ. ދިވެހިރައްޔިތުންނަށް އޮޅުވާލަން ނޫޅުއްވާ. ބަލި ގަބޫލުކުރައްވާ. އަޅުގަނޑުމެންނާއެކު ވަޑައިގަންނަވާ." ރާޝިދު ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު އެމްޑީޕީގައި އުފެދިފައިވާ ދެ ފެކްޝަންގެ މެދުގައި މިފަދަ ހަމަލާތައް ބަދަލުކުރެވެމުންދާއިރު އެއް ބަޔަކު އަނެއް ބަޔަކަށް ކުޑަކޮށްވެސް ދޫދޭ މަންޒަރެއް އަދި ނުފެނެއެވެ. އޭގެ ބަދަލުގައި ފެންނަނީ ދެ ފަރާތުން ވެސް ބަހުގެ ހަމަލާތައް ވަރުގަދަ ކުރަމުން ގެންދާ މަންޒަރެވެ.



ކިޔުންތެރިންގެ ހިޔާލު