އިބްރާހިމް ފަހީމް   18 ފެބްރުއަރީ 2023 - 20:37
ތޫނު އެއްޗަކުން ހަމަލާދީ އައްޑޫ ސިޓީ ހިތަދޫގައި މަރާލި އެ ރަށު ސޮލިޑް، މުޙައްމަދު ޒަޔާންގެ މަރުގެ މައްސަލައިގެ ޝަރީއަތް މާދަމާ ފަށަން ތައްޔާރު ވެއްޖެއެވެ.

ޖުމުލަ 7 މީހެއްގެ މައްޗަށް ދައުވާކޮށްފައިވާ މި މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފައިވަނީ މާދަމާ މެންދުރުފަހު 1:30 އަށެވެ.

މި މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދަޢުވާ 2 މީހެއްގެ މައްޗަށް ވަނީ އުފުލާފައެވެ. އެއީ ސ. ހިތަދޫ ކަދުރުމާގެ ޔަޢީޝް އަންވަރާއި ސ. ފޭދޫ ފުފޫމާގޭ އައިލީޝް ޢަލީގެ މައްޗަށެވެ. މީގެ އިތުރުން ގަސްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ދަޢުވާ 5 މީހެއްގެ މައްޗަށް ވަނީ އުފުލާފައެވެ. އެއީ ސ. ފޭދޫ ދިރިމާގޭ ޢަބްދުالله ޝިޔާޢު ރަޝީދާއި ސ. ފޭދޫ ކަރަންފޫގޭ އަޙްމަދު ޢަބްދުالله އާއި ސ. ފޭދޫ ކާމަރަގަގޭ ޢަބްދުالله ނިޒާރާއި ސ. ފޭދޫ ސަންޝައިން އަޙްމަދު ނަބީލާއި ސ. ފޭދޫ ދިރިމާގޭ އަޙްމަދު ޝުޢާއުގެ މައްޗަށެވެ.

ޒަޔާން މަރާލީ މިދިޔަ އަހަރުގެ ޖޫން މަހުގެ 2 ވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގައެވެ. ފުލުހުން ކުރިން ބުނެފައިވަނި މިއީ މަސްތުވާތަކެއްޗާއި ގުޅިގެން ދެ ގޭންގެއްގެ މެދުގައި ޖެހުނު މައްސަލައެއްގައި ދުރާލާރާވައިގެން ހިންގި ގަތުލެއް ކަމަށެވެ. މަރުވުމުގެ ކުރިން ޒަޔާނަށް ހަމަލާދިން މީހުންގެ މައުލޫމާތު އޭނާ ފުލުހުންނަށް ކިޔައިދިން ކަމަށް ފުލުހުން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު