އެމްޑީޕީގައި ފިތިފައި ތިބި މީހުން ހަދަނީ ކިހިނެއްތޯ ބަލަން އެޕާޓީ ނޯންނާނެ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެޕާޓީގެ ރިޔާސީ ޓިކެޓް ރަސްމީކޮށް ރޭ ވަނީ އަރުވާފައެވެ. އެޖަލްސާގައި ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއިދުކުރާ ފެކްޝަންގެ މެމްބަރުން ބައިވެރިވެވަޑައިގެންފައި ނުވާއިރު ނަޝީދު ގެންދަވަނީ "ފިކުރެއްގެ ދިރުން" ގެ ނަމުގައި އެޕާޓީގެ ވަކި ހަރަކާތެއް ހިންގެވުމުގެ މަސައްކަތް ކުރައްވަމުންނެެވެ.

އޭގެއިތުރުން އެމްޑީޕީގެ ޕްރައިމަރީގެ ނަތީޖާ ގަބޫލުނުކުރަށްވައި ރައީސް ނަޝީދުގެ ފަރާތްޕުޅުން މިހާރު ވަނީ ސިވިލް ކޯޓަށް މައްސަލައެއްވެސް ހުށައަޅުއްވާފައެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަދި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) މިއަދު ވިދާޅުވީ، އެމްޑީޕީ ނުހުއްޓެވޭނެ ކަމަށެވެ. އަދި ބޮޑާ ހޭކުމާ ގޮތް ދޫނުކުރުމާއި ބުނެވުނު ބަހެއްގެ އަަޖަލުގައި ތާށިވެ ފިތިފައި ތިބި މީހުން ހަދަނީ ކިހިނެއްތޯ ބަލަން އެމްޑީޕީ ނޯއްނާނެ ކަމަށް ވެސް މޫކޭ ވިދާޅުވިއެވެ.

"މި އޮޑި ދާނީ ބާރަށް ކުރިއަށް،" އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިޙުގެ ފެކްޝަނަށް ތާއިދު ކުރަށްވާ މޫކޭ ވިދާޅުވިއެެވެ.

އެމްޑީޕީ ރިޔާސީ ޓިކެޓް ރައީސް ސޯލިހަށް އަރުވާފައިވާއިރު، ނަޝީދު ވަނީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ސޯލިހަށް ތާއިދު ނުކުރަށްވާނެކަން އިއުލާންކުރަށްވާފައެެވެ.



ކިޔުންތެރިންގެ ހިޔާލު