ބޮޑާހާކާ މީހުން ޕާޓީގެ އިސްމަގާމުތަކުގައި ތިބުމަކީ ލަދުވެތި ކަމެއް ކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢިލް އަޙްމަދު (އިއްސެ) ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެެވެ.

އިއްސެ މިފަދައިން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ނަތީޖާ ބާތިލުކުރުމަށް އެޕްރައިމަރީގައި ވާދަކުރެއްވި ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ސިވިލް ކޯޓަށް މައްސަލައެއް ހުށައަޅާފައިވާ ދަނޑިވަޅެއްގައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެޕާޓީގެ ރިޔާސީ ޓިކެޓް ރަސްމީކޮށް ރޭ ވަނީ އަރުވާފައެވެ. އެޖަލްސާގައި ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއިދުކުރާ ފެކްޝަންގެ މެމްބަރުން ބައިވެރިވެވަޑައިގެންފައި ނުވާއިރު ނަޝީދު ގެންދަވަނީ "ފިކުރެއްގެ ދިރުން" ގެ ނަމުގައި އެޕާޓީގެ ހަރަކާތެއް ހިންގެވުމުގެ މަސައްކަތް ކުރައްވަމުންނެެވެ.



އެހެން ނަމަވެސް ޕްރައިމަރީގެ ކެމްޕޭންގައި ނަޝީދު ވިދާޅުވެފައިވަނީ ޕްރައިމަރީއިން ބަލިވެވަޑައިގެންފިނަމަ އޮންނަވާނީ ގެކޮޅުގައި ކަމަށެވެ.



މިކަންކަމާއި ގުޅުވައި، ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢިލް އަޙްމަދު (އިއްސެ) މިއަދު ވިދާޅުވީ އަސާސީގަވާއިދު ލާޒިމްކުރާ ނިންމުމެއް އާންމު މެމްބަރުން ނިކުމެ ވަކިގޮތަކަށް ނިންމައި އެނިންމުމާއި ގުޅިގެން ޕާޓީން އިންތިޒާމްކުރާ ހަރަކާތްތަކުގައި ބައިވެރިނުވެ، ބޮޑާހާކާ މީހުން ޕާޓީގެ އިސްމަގާމުތަކުގައި ތިބުމަކީ ލަދުވެތިކަމެއް ކަމަށެވެ.

"ރީތި ގޮތަކީ އަވަހަށް އަމިއްލައަށް އެއްފަރާތްވުން،" އެމްޑީޕީގެ ރައީސް ކަމުގައި ހުންނެވި ނަޝީދަށް އިޝާރަތް ކުރަށްވައި އިއްސެ ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ސޯލިހަށް އަރުވާފައިވާއިރު، ނަޝީދު ވަނީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ސޯލިހަށް ތާއިދު ނުކުރަށްވާނެކަން އިއުލާންކުރަށްވާފައެެވެ. އެމްޑީޕީގެ ތެރޭގައި ރައީސް ސޯލިހާއި ރައީސް ނަޝީދަށް ތާއިދު ކުރާ މެމްބަރުންގެ މެދުގައި ދެ ފެކްޝަނެއް އުފެދި ޕާޓީ މިހާރު ވަނީ ދެ ބަޔަކަށް ބެހިފައެެވެ.



ކިޔުންތެރިންގެ ހިޔާލު