މިއަހަރު އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނީ ފަސޭހަކަމާއިއެކު އެއްބުރުންކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓާއި ރަސްމީކޮށް ހަވާލުވެވަޑައިގެންނެވުމަށްފަހު މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކުރިއަށް އޮތީ އުޖާލާ ދުވަސްތަކެއް ކަމަށެވެ. އެގޮތުން، ކުރިއަށް އޮތީ ރާއްޖޭގެ އިގްތިސާދު ދެގުނަވެ، ވިޔަފާރިތަކާއި އާ ސިނާއަތްތައް އިތުރުވެ، ފަރުދުންގެ ފުދުންތެރިކަން އިތުރުވާ އާ ޒަމާނެއް ކަމަށާއި މި ސަރުކާރުން މިހާތަނަށް ހޯދި ހުރިހާ ކާމިޔާބީ އަކީ އެމްޑީޕީގެ މެންބަރުން ހޯދި ކާމިޔާބީއެއް ކަމަށެވެ.

އަދި އެމްޑީޕީ މިއަދު ދެކޭ ކާމިޔާބުގެ ފެށުމަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުވުން ކަމަށް ވިދާޅުވެ ރައީސް ވަނީ އެމްޑީޕީގެ ހުރިހާ މެންބަރުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސް ވިދާޅުވީ، ﷲ ތަޢާލާގެ ވާގިފުޅާއި މަދަދާއިއެކު ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނީ އެއްބުރުން ކަމަށެވެ.

މީގެ އިތުރުން، ރާއްޖޭގެ ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދިނުމަށްޓަކައި އެމްޑީޕީ ވެރިކަމުގައި އޮތުމަކީ ނުހަނު މުހިންމު ކަމެއްކަން ފާހަގަ ކުރައްވާ ވިދާޅުވީ، މި އިންތިހާބު ކާމިޔާބު ކުރުމަށްވެސް ޕާޓީގެ ހުރިހާ މެންބަރުން އެކުގައި ތިބުމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އަދި ހުރި ހިޔާލުތަފާތުވުން ތަކާއިއެކު ވެސް ކުރިއަށް ދިޔުމަކީ މިވަގުތު ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު