ޕީޕީއެމްގެ ސަރުކާރުގައި އަނިޔާލިބުނު އެމްޑީޕީގެ އާންމު މެންބަރުން އެދެނީ ދެންވެސް އެމްޑީޕީގެ ވެރިކަމެއް އޮތުމަށްކަމަށް އެ ޕާޓީގެ ޗެއަރޕާސަން، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލް މިރޭ ވިދާޅުވެއްޖެއެވެ.

ފައްޔާރު މިފަދައިން ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޑް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ރިޔާސީ ޓިކެޓް ހަވާލު ކުރުމަށް ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ފައްޔާޒު މިރޭ ވިދާޅުވީ، އޭރުގެ ހުރިހާ ބާރެއް އޮންނަނީ އެންމެ މީހެއްގެ އަތުގައި ކަމަށާއި އެނޫންގޮތެއް އޭރު ރާއްޖެއަކު ނެތްކަމަށެވެ. އަދި އެގޮތް ބަދަލުކުރަން ދިވެހިން ބޭނުންވީ، އެއީ އޭގެ ސަބަބުން އެތައް އަނިޔާއަކާއި ބޭއިންސާފެއް ރައްޔިތުން ތަހައްމަލު ކުރަންޖެހުމުން ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

"އެމްޑީޕީއަކީ ދިވެހި ރައްޔިތުންގެ އަތްމައްޗަށް ވެރިކަން ފުރޮޅާލި ޕާޓީ." ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ، ޕީޕީއެމްގެ އަނިޔާވެރި ވެރިކަން ނިންމަން އެކަމާއި ދެކޮޅަށް ނުކުތް މީހުންގެ ނަމަކީ އެމްޑީޕީ ކަމަށެވެ. އަދި އޭރު ހާލަތު އޮތީ އެކަކަށް ދެމީހަކަށް އެކަން ބަދަލު ކުރެވޭ ގޮތަކަށް ނޫން ކަމަށާއި އެކަމުގައި ނުކުން މީހުންނަށް ބޮޑެތި އަނިޔާތަކާއި ކުރިމަތިލާން ޖެހުނުކަމަށެވެ. އެގޮތުން، ޖަލުގައި ތިބެންޖެހުނު ކަމަށާއި އެތައް ބައެއްގެ މުދާތައް ނިގުޅައިގަތް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ނަމަވެސް، ހިތާމައަކީ އެމްޑީޕީގެ ތެރެއިން ބަޔަކަށް އެ ހާލަތު ހަނދާން ނެތިފައިވާކަން ކަމަށާއި އެކަމަކު އެދުވަހު ހިތްވަރާއެކު ނުކުތް ގިނަ މީހުން އެދުވަސް އިއާދަވާން ބޭނުންނުވާ ކަމަށެވެ.

"އެމީހުން ބޭނުންވަނީ ޒާތީ ތައައްސުބުން އެއްކިބާވެ މި ފެށި މަސައްކަތްއިގެން ކުރިއަށް ދިޔުމަށް. މިކަން ކާމިޔާބު ކުރުމަށްޓަކައި އެންމެން އެކައްޗެއް ކިޔައިގެން އަތް ގުޅާލުމަށް. މިކަން ކުރެވޭނީ ވެރިކަމުގައި ތިބެގެން." ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ، އިރާދަކުރެވިއްޔާ އާންމު މެންބަރުންގެ ހިތްވަރާއެކު ރިޔާސީ އިންތިހާބު ފަސޭހަކަމާއެކު ކާމިޔާބު ކުރެވޭނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު