މިއަހަރު އޮންނަ ރިޔާސީ އިންތިހާބު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކާމިޔާބު ކުރައްވައިފިނަމަ އެކަން ވެގެންދާނީ 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބު ރައީސް މުޙައްމަދު ނަޝީދަށް ކާމިޔާބު ކުރެވިދާނެ މަގަކަށްކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހީމް ދީދީ (ޑީޑީ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ކަނޑައެޅުމަށް މިދިޔަ މަހު ބޭއްވި ޕްރައިމަރީ ރައީސް ޞާލިޙް ވަނީ ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވާފައެވެ. ނަމަވެސް، އިންތިހާބުގައި އޮޅުވާލުންތަކެއް ހުރިކަމަށްބުނެ ރައީސް ނަޝީދު ވަނީ ރައީސް ޞާލިޙަށް ތާއީދު ނުކުރައްވާނެކަން ހާމަ ކުރައްވާ، ޕްރައިމަރީގެ މައްސަލަ ކޯޓަށް ވައްދާފައެވެ. އަދި ނަޝީދު ގެންދަވަނީ ޕާޓީތެރޭައި ވަކި ގޮތްޕެއް ހެދުމުގެ ނަމުގައި ވަކި ފިކުރެއްގެ މީހުން އެއްކުރައްވަމުންނެވެ.

ރައީސް ނަޝީދު މިފަދައިން އަމަލުކުރައްވާތީ ޑީޑީ އިއްޔެ ވިދާޅުވީ، 2028 ގެ ރިޔާސީ އިންތިހާބު ރައީސް ނަޝީދު ކާމިޔާބު ކުރެއްވުމަށް ބޭނުންވާނަމަ އެމްޑީޕީގެ ހުރިހާ މެންބަރުންވެސް މިހާރުގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޞާލިޙަށް ތާއީދު ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި އެއީ ނަޝީދަށް ވެރިކަން ލިބެން އޮތް ރަނުގެ ފުރުސަތެއްކަން ކަށަވަރު ކަމަށްވެސް ޑީޑީ ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ގާނޫނު އަސާސީ މިހާރު އޮތްގޮތުން، އެއްބޭފުޅަކަށް ރާއްޖޭގެ ވެރިކަން ވިދިވިދިގެން ކުރެވޭނީ 5 އަހަރުގެ ދެ ދައުރުގައެވެ. ނަޝީދު ވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން އެއްދައުރުގައި ކުރަށްވާފައެވެ. ތިން އަހަރެއްހާ ދުވަހު ވެރިކަން ކުރެއްވުމަށްފަހު އިސްތިއުފާ ދެއްވި ނަމަވެސް ނަޝީދަށް ދެން ވެރިކަން ކުރެއްވޭނީ 5 އަހަރުގެ އެއްދައުރުގައެވެ.



ކިޔުންތެރިންގެ ހިޔާލު