ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ތެރެއިން، ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު އެެރުވިފައިނުވާ ބޭފުޅުންނަށް އިނާމު އެރުވުގެ މަސައްކަތް ކުރައްވަމުންދާކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ދެއްވުމަށް ރޭ ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުގައި ވިދާޅުވީ މިހާތަނަށް 309 ބޭފުޅަކަށް ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު އެރުވިއްޖެކަމަށެވެ. އެހެން ނަމަވެސް، ދައުލަތަށް ވަރަށް ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި ބޭފުޅުން އަދިވެސް އެބަ ތިއްބެވިކަމަށް ރައީސް ވިދާޅުވިއެވެ.

"45 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ތެރެއިން، މި ޝަރަފު ނޭރުވޭ ކިތައް ބޭފުޅުން އެބަ ތިއްބެވިތޯ ވަރަށް ފަހުން އަޅުގަނޑު ބަލައިލިން. އަޅުގަނޑަށް އެނގުނު ގޮތުގައި، އެ ޢަދަދު 70 އާ ގާތްކުރޭ. އެބޭފުޅުންގެ ނަން، އިނާމަށް ހުށަހެޅުއްވުމުގައި ދިމާވާ އެންމެ ބޮޑު ދައްޗަކީ، ބައެއް ބޭފުޅުންގެ އަތްޕުޅުގައި ޚިދުމަތާބެހޭ ރެކޯޑުތައް ނެތުން. އަދި އޭގެ ތެރެއިން ގިނަ ބޭފުޅުން ޚިދުމަތް ކުރައްވަން ފެށްޓެވީ މީގެ އެތައް އަހަރެއް ކުރިން. މިދިޔަ އަހަރުތަކުގައި ސަރުކާރުގެ ވަރަށް ގިނަ އޮފީސްތަކެއް އުވައިވެސްލެވިއްޖެ. އެފަދަ ބައެއް އޮފީސްތައް އުވައިލެވިގެން ދިޔައިރު، އެ ބޭފުޅުން ކުރެއްވި މަސައްކަތްތަކުގެ މަޢުލޫމާތު ފަސޭހައިން ލިބޭނެ ގޮތެއްވެސް ނެތް." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިނާމު ނުލިބޭ ބޭފުޅުންގެ ނަން، އިނާމަށް ހުށަހެޅުއްވުމުގައި، ދައުލަތުގެ މުއައްސަސާތަކަށްވެސް ވަރަށް ގިނަ ދަތިތައް އެބަ ކުރިމަތިވާކަމަށެވެ. އަދި ބައެއް ބޭފުޅުން އަމިއްލަފުޅަށް އިނާމަށް ނަން ހުށަހެޅުއްވުމަށް ބޭނުންފުޅުނުވުމަކީވެސް، އެމަނިކުފާނާއި ހަމައަށް އަދި ޤައުމީ އިނާމު ކޮމިޓީއާ ހިސާބަށްވެސް ހުށަހެޅޭ މައްސަލައެއްކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެންވިޔަސް، އެފަދަ ބޭފުޅުންނަށްވެސް އަދި ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައި ވަކިވެވަޑައިގެންފައިވާ އެހެން ބޭފުޅުންނަށްވެސް، މި ޝަރަފު އަރުވަންޖެހޭ ކަމަށް އަޅުގަނޑު ދެކެން. އެކަން ފެށުމުގެ ގޮތުން، އަޅުގަނޑު މިހާރު ޤަޞްދުކުރަނީ، 45 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައި ވަކިވެވަޑައިގެންފައިވާ ބޭފުޅުންގެ ރެކޯޑުތައް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހޯދުމަށްފަހު، ޤައުމީ އިނާމާ ބެހޭ ކޮމިޓީއަށް ހުށަހަޅައިގެން، އެކަން ކުރިއަށް ގެންދަން. މިގޮތަށް ހުށަހެޅޭ ބޭފުޅުންނާވެސް ކޮމިޓީން ބައްދަލުކުރައްވައި، އިތުރު މަޢުލޫމާތު ހޯއްދަވާނެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޤައުމީ ޚިދުމަތުގައި މަތީ އަރުތަ ޙާޞިލްކުރައްވާ ބޭފުޅުންގެ އަގު ވަޒަންކުރުމާ ހަމައިން އެކަން ނިމުނީ ކަމަށް އަޅުގަނޑުމެން ދެކިގެން ނުވާނެކަމަށެވެ. އަދި އެފަދަ ބޭފުޅުންނަކީ، ރާއްޖޭގެ ޤައުމީ ތަރައްޤީގެ ވަރަށް މުހިންމު ޙިއްޞާދާރުންތަކެއް ކަމަށާއި ދިވެހި ދައުލަތް މިހާ ހިސާބަށް އައުމުގައި، އެ ބޭފުޅުންގެ ބައިވެރިވުމާއި، އެ ބޭފުޅުންގެ މިންނެތް މަސައްކަތް ވަރަށް މުހިންމު ދައުރެއް އަދާކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު