އިބްރާހިމް ފަހީމް   17 ފެބްރުއަރީ 2023 - 0:26
މިމަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން މާލެއިން ގެއްލިގެން ހޯދަމުންދާ ސ. މަރަދޫފޭދޫ/ ގަސްކަރަ، މުހައްމަދު އާސިރު އިސްމާއީލް މިހާރު ފެނިފައިވާކަމަށް ފުލުހުން މިރޭ ބުނެފިއެވެ.

ފުލުހުން މިރޭ ބުނީ، އާސިރު މިހާރުވަނީ ފެނިފައި ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ. ނަމަވެސް އެނޫން އިތުރު ތަފުސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އާސިރު ފެނިއްޖެކަން މިނިސްޓަރ އިމްރާން ވެސް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. ޓްވިޓާގައި އިމްރާން ދެންމެ ވަނީ މީގެ ކުޑައިރުކޮޅެއްކުރިން ފުލުހުންނަށް އާސިރު ފެނިފައިވާކަމަށް ވިދާޅުވެ އާސިރު ހޯދުމަށް ފުލުހުންކުރި ބުރަ މަސައްކަތަށް ޝުކުރު އަދާކުރަށްވާފައެވެ. އިމްރާންވެސް މިކަމުގެ ތަފުސީލެއް ހާމައެއް ނުކުރަށްވައެވެ.

އާސިރު ގެއްލިގެން ފުލުހުން އާންމުކޮށް އިއުލާނު ކޮށްފައިވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ. އެދުވަހު ފުލުހުން ބުނެފައިވަނީ އާސިރު ދިރިއުޅެނީ މާލޭގައި ކަމަށާއި އެންމެ ފަހުން އޭނާ ފެނިފައިވަނީ ފެބުރުވަރީ 4 ވަނަ ދުވަހުގެރޭ 19:30 ހާއިރުކަމަށެވެ. އަދި އޭރު އޭނާ ލައިގެންހުރީ ނޫކުލައިގެ ޖީންސަކާއި ކަޅުކުލައިގެ ގަމީހެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އޭނާ އެންމެފަހުން ފެނިފައިވަނީ އެއަރޕޯޓް ޓާމިނަލަށް ވަންނަނިކޮށެވެ. އެއަށްފަހު އެތަނުން ނުކުންނަތަން ކެމެރާތަކުން ނުފެންނަ ކަމަށާއި އަދި އެހެން ގައުމަކަށް ނުވަތަ ރާއްޖޭގެ އެހެން ހިސާބަކަށްވެސް އެއަރޕޯޓުން އޭނާ ގޮސްފައިވާކަން އެނގެން ނެތްކަމަށް ފުލުހުން ކުރިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު