ކުރީގެ ރައީސް ޔާމީން އަބުދުލްގައްޔޫމް ޖަލުގައި އޮވެގެން ނުވާނެ ކަމަށާއި މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން އެމަނިކުފާނަށް ފުރުސަތު އޮންނަން ވާނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް މުހައްމަދު ނާޒިމް މިރޭ ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) މިރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ރައީސް، ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް ވިދާޅުވީ ރައީސް ޔާމީން ޖަލުގައި އޮންނާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި ޔާމިން ޖަލުގައި އޮންނަވައިގެން ނުވާނެ ކަމަށާއި އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ދޭންޖެހޭ ކަމަށް ނާޒިމް ވިދާޅުވިއެެވެ.

ރައީސް ޔާމިންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި ނާޒިމް ވިދާޅުވީ ވެރިކަން ކުރާ މީހުން ޖަލަށްލުމުގެ ސަގާފަތް ދުއްވާލަންޖެހޭ ކަމަށެވެ. މީހަކު ޖަލަށްލުމުން އެމީހެއްގެ އާއިލާއަށް ކުރިމަތިވާ ހިތްދަތިކަން އިހުސާސްކުރަންޖެހޭ ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލާގައި ގިނަ ބަޔަކު ޝާމިލުވާ ކަމަށާއި ނަމަވެސް އެކަމުގައި އަދަބު ލިބެމުންދަނީ ހަމައެކަނި ޔާމީނަށް ކަމަށެވެ. އަދި އެއީ އެކަން ވެގެން ވާނެ ގޮތެއް ނޫން ކަމަށާއި ރާއްޖޭގައި އެންމެންގެ މައްޗަށް ވެސް ކަންކަން ކުރެވިގެންދާން ވާނީ ހަމަހަމަކަމާއި އިންސާފުން ކަމަށް ނާޒިމް ވިދާޅުވި އެވެ.

ރައީސް ޔާމިންގެ ވެރިކަމުގައި ތުހުމަތުތަކެއްކޮށް ޝަރީއަތްކޮށް ޖަލަށްލާފައިވާ ނާޒިމަކި މީގެކުރިން މިފަދަ ސިޔާސީ ހަރަކާތްތަކުގައި ޔާމީނަށް ވަރަށްބޮޑަށް ފާޑުވިދާޅުވެފައިވާ ބޭފުޅެކެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގައި ހިމެނޭ ވ. އާރަށް މައްސަލާގައި މަނީ ލޯންޑްރިންއާއި ރިޝްވަތުގެ ކުށް ސާބިތުވެ، ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި ފަސް މިލިއަން ޑޮލަރުން ވަނީ ޖޫރިމަނާކޮށްފައެވެ. މިމައްސަލައިގައި އިތުރުން ފުއްގިރި ކުއްޔަށް ދޫކުރުމުގައި ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ހޯއްދަވައި، އެ ފައިސާ ލޯންޑާކުރި ކަމަށް ބުނާ މައްސަލައިގެ ދައުވާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި މިހާރު ދަނީ ހިނގަމުންނެވެ.

ޔާމިންގެ މައްޗަށް އިއްވި ޖަލު ހުކުމާއެކު މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އެމަނިކުފާނަށް މިހާރު ވަނީ ގެއްލިފައެވެ. ޔާމިންގެ މައްޗަށް އިއްވި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ މަސައްކަތް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ދަނީ ކުރަމުންނެެވެ.



ކިޔުންތެރިންގެ ހިޔާލު