އިސްރަށްވެހިންނަށް ހާއްސަ ކޮށްގެން ރާއްޖޭގެ އެކި ރަށްރަށުގައި އިޖުތިމާއީ މަރުކަޒުތަކެއް ގާއިމުކުރަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ދިވެހި ދައުލަތަށް ދިގު މުއްދަތުގައި ހިދުމަތް ކުރި ފަރާތްތަކަށް ސަރުކާރުން ދެއްވާ އިނާމް ދެއްވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވީ، ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅުންނަކީ އެ ބޭފުޅުންގެ އަގު އަބަދުވެސް ވަޒަންކުރަން ޖެހޭ ބައެއް ކަމަށާއި އެހެންކަމުން އެބޭފުޅުންނަށް ރަނގަޅު ގޮތްތައް ހަމަޖައްސައިދީ ހިތްހަމަޖެހުން ހޯދައިދޭން މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ.އެހެންކަމުން އެފަދަ ބޭފުޅުން އެއްތަނަކުން ބައްދަލުވެ އުފާވެރިކަމާއެކު ވަގުތު ހޭދަކޮށްލާ ހެދޭފަދަ މާހައުލެއް ގާއިމު ކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.



"ދިވެހި ޤައުމު ހޯދާފައިވާ ތަރައްޤީއާއި ކުރިއެރުމުގެ އަޞްލަކީ، އެ ބޭފުޅުންގެ ޒުވާންކަމުގެ ހަކަތައާއި ބުންވަރު. އެހެންވީމާ، އަޅުގަނޑުމެން އަބަދުވެސް އެ ބޭފުޅުންގެ ޤައުމީ ޚިދުމަތުގެ އަގު ވަޒަންކުރަންޖެހޭނެ.، އަޅުގަނޑުމެން ޤަޞްދުކުރަނީ، އިސް ރަށްވެހިންގެ އިޖުތިމާޢީ މަރުކަޒުތަކެއް، ރާއްޖޭގެ އެކި އެކި ކަންކޮޅުތަކުގައި ޤާއިމުކޮށްދޭން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އޭގެ އެއް މަޤްޞަދަކީ އިސް ރަށްވެހިންނަށް ދޭންޖެހޭ ޙައްޤު ޤަދަރާއި އިޙުތިރާމު ހޯދައިދިނުމަށް މަގުފަހިކުރުމާއި، އެކަންކަމަށް ބާރުއެޅުންކަމަށެެވެ. މީގެ އިތުރުން އިސް ރަށްވެހިންނަށް ބޭނުންވާ އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމާއި މުޖުތަމަޢުގައި އިސްރަށްވެހިންގެ ޙިއްޞާ އިތުރުކޮށްދިނުމާއި އަދި ދުޅަހެޔޮ ދޮށީ ޢުމުރަކަށް ތައްޔާރުވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ރާވައި ހިންގުންވެސް މި މަރުކަޒުތައް ޤާއިމުކުރުމުގެ މަޤްޞަދުތަކުގެ ހިމެނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



އެ މަގުސަދު ހާސިލު ކުރުމަށްޓަކައި މިހާރުވެސް މަސައްކަތްތަކެއް ކުރެވެމުންދާކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ، މާލޭގެ ނާދީ ހުރި ބިމުގައި އިސްރަށްވެހިންގެ އިޖުތިމާއީ މަރުކަޒެއްގެ ހިދުމަތް ލިބޭނެގޮތަށް މިހާރުވެސް މަސައްކަތް ކުރެވެމުންދާކަމަށެވެ. އަދި އެތަނުގެ ހިދުމަތް މާލަސްތެކެއްނުވެ ރައްޔިތުންނަށް ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު